ވަގުތު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ ހިތަދޫ މަނިކު ދަނޑުގައު ކުރިއަށް ގެންދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ ކުއާޓަރފައިނަކުގެ ފުރަތަމަ ޖާގަ އެފްސީ ބޭރުމަތި ކަށަވަރު ކޮށްފިއެވެ. އެޓީމު ކުއާޓަރގެ ފުރަތަމަޖާގަ ކަށަވަރުކުރީ ރޭ އެފްސީ ޒެފިއާ އާއި ބައްދަލުކޮށް 2-0 ލަނޑުން މޮޅުވެގެންނެވެ. މީގެ ކުރިން އެޓީމް ކުޅުނު މެޗުންވެސްވަނީ މޮޅުވެފައެވެ. މިމެޗުގެ ދެލަނޑުވެސް އެޓީމުން ކާމިޔާބު ކޮށްފައިވަނީ ފަހު ހާފުގައެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގައިވެސް ލަނޑު ޖެހުމަށް ދެޓީމުންވެސް މަސައްކަތް ކުރިއެވެ. ފުރަތަމަ ހާފަށްވުރެ ބޮޑަށް ފަހުހާފުގައި ދެޓީމުންވެސް ގެންދިޔައީ ލަނޑެއް ޖަހައި ލީޑު ނެގުމަށް މަސައްކަތް ކުރަމުންނެވެ. ބޭރުމަތީގެ ފުރަތަމަ ލަނޑު އެޓީމުން ޖަހައިފައިވަނީ ފަހު ހާފުގެ ފަހުކޮޅުއެވެ. އެ ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ މޫސާ ވަހީދެވެ. މިގޯލަށްފަހު ގިނައިރެއް ނުވަނީސް ނަތީޖާ އެއްވަރު ކޮށްލަން ޒެފިއާއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެޓީމުން ފޮނުވި ބާރުހަމަލާގެ ހުރަހަކަށްވީ ބޭރުމަތީ ޓީމުގެ ގޯލް ކީޕަރެވެ. ބޭރުމަތީ ޓީމުގެ ދެވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އެލަނޑު ކާމިޔާބުކޮށްދިނީ އަމީން އިބްރާހިމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބޭރުމަތި ޓީމުގެ ގޯލް ކީޕަރު ހުސައިން ރަޝީދެވެ. މިއީ އައްޑޫގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓުސަލް މުބާރާތެވެ. ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ލިބޭނެއެވެ. ދެވަނަ ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. އެންމެ ރަނގަޅަށް ސަޕޯޓްކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމެވެ. ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސަރުންނަކީ ވިލާ ކޮލެޖާއި، ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.