English Edition
Dhivehi Edition

މިއަދު އުޅެންޖެހިފައިވާ ހަލަބޮލި ދިރިއުޅުމުގެ ސަބަބުން ގިނަ ބަޔަކަށް މިވަނީ ހާސްވެ ކަންބޮޑުވުން ފަދަ ނަފްސާނީ ބަލިތަކާ ކުރިމަތިލާން ޖެހިފައެވެ. ވަޒީފާގައި އުޅޭއިރު ސިކުނޑި އެއްކަމަކަށް ފޯކަސް ކުރެވިފައި ދުވާލަކު ހަތް ގަޑި އިރު ނުވަތަ އެއަށްވުރެ ގިނަ އިރު ހުންނަން ޖެހެއެވެ. ވަޒީފާގައި އުޅޭ ގިނަ މީހުންނަކީ، ހާއްސަކޮށް އަންހެނުންނަކީ ވަޒީފާ ނިންމާފައި ގެއަށް އައިސް ގޭގެ ކަންތައްތަކާއި ކުދިވެރިންގެ ކަންކަމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭ ބައެކެވެ. ވުމާއެކު ސިކުނޑިއަށް އަރާމު ކޮށްލާނެ ވަގުތެއް އޮންނަނީ ނުލިބިފައެވެ. ވަރުބަލިވެ މީހާ ލޮޑުވެފައި ހުރެ ލިބޭ ހަތަރެއް ނުވަތަ ފަސް ވަރަކަށް ގަޑިއިރު ނިދާލާފައި އަނެއްކާވެސް އަނެއް ދުވަހު ހަމަ އެކަހަލަ ގޮތަކަށް ދުވަސް ހޭދަވެއެވެ. މިގޮތުން ދިރިއުޅުން ހަލަބޮލިވުމުގެ ނަތީޖާއެއްގެ ގޮތުން ނަފްސާނީ ބައްޔެއް ކަމުގައިވާ ހާސްވެ ކަންބޮޑުވުން މިވަނީ ދުނިޔޭގައި މިއަދު ވަރަށް އާންމު ބައްޔަކަށްވެފައެވެ.

ދިރިއުޅުމުގެ ހާލަތު މިފަދަ ގޮތަކަށް އޮތް ކަމުގައިވިޔަސް ހާސްވެ ކަންބޮޑުވުމަށް މަގުފަހިވާ ކަންތަކުން ދުރުވެ ވަރުބަލިވެފައިވާ ސިކުނޑިއަށް ހަމަޖެހުން ހޯދުމަށް ކުރެވިދާނެ ކަންތައްތައް އެބަހުއްޓެވެ. އެގޮތުން ހާސްވެ ކަންބޮޑުވުމަށް މަގުފަހިވާ ކަންތައްތަކާއި އެފަދަ ކަންކަމުން ސަލާމަތްވާނެ ގޮތްތައް އެނގިފައި އޮތުމަކީ މި ނުރައްކާތެރި ބަލިން ސަލާމަތް ވުމަށް ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ.

ތިރީގައި މިވަނީ ހާސްވެ ކަންބޮޑުވުމަށް މެދުވެރިވާ މައިގަނޑު ކަންތައްތަކާއި އެކަމުގެ ހައްލެވެ.

  1. ކޮންމެ ކަމެއްވެސް ވެދާނެ އެންމެ ނުބައި ގޮތް ޚިޔާލަށް ގެނެސް އެ މަންޒަރުތައް ސިފަކޮށް އެކަމާދޭތެރޭ ވިސްނައި ފިކުރުކުރުން

ހާސްވެ ކަންބޮޑުވުމުގެ ބަލި ޖެހިފައިތިބޭ މީހުންނަށް ކޮންމެ ކަމެއްގެވެސް އެކަމެއް ވެދާނެ އެންމެ ނުބައި ގޮތް ޚިޔާލަށް ގެނެވި އެ މަންޒަރުތައް ސިފަކޮށް އެކަމާދޭތެރޭ ވަރަށް ބޮޑަށް ވިސްނައި ފިކުރު ކުރެވެއެވެ. އެމީހުންނަށް ސިފަކުރެވޭހާ ގޯސްކޮށް ކަން ހިނގާފާނެތީ ދުރާލާ އެކަމާ ވިސްނައި ބޯގާނައި އެފަދަ ކަމެއް ވެއްޖެނަމަ ކަންތައްކުރާނެ ގޮތަކާމެދު ވިސްނާ ހަދައެވެ. އެމީހުން ވިސްނާ ގޮތަށް ކަންތަށް ނުވިކަމުގައި ވިޔަސް އަބަދާ އަބަދު ހަޤީޤީ ނުވަތަ މާ ކުރީގައި ޚިޔާލަށް ގެނަސްގަންނަ މިފަދަ ބިރުވެރިކަމަކާމެދު ފިކުރުކޮށް ވިސްނާނަމަ އެކަމެއް މެދުވެރި ނުވާނެގޮތެއް ހެދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެއެވެ. ނަތީޖާއެއްގެ ގޮތުން ސިކުނޑިއަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރެއެވެ.

ހައްލު:

ކަމަކާމެދު ކަންބޮޑުވާގޮތް ވެއްޖެނަމަ، އެވަގުތަކު އެކަމާ ދޭތެރޭ ވިސްނުން ހުއްޓާލާށެވެ. ތަންކޮޅެއް ސިނކުޑި ތާޒާކޮށް ހުރި ވަގުތަކު އެކަމާ ވިސްނާލަން ބާއްވާށެވެ. ކަންބޮޑުވާ ވަގުތު ކުޑަކުޑަ ކަންތައްތައްވެސް ސިނކުޑިއަށް ނަގައި ގަނެވޭނީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައެވެ. އެހެންކަމުން ސިކުނޑި ތާޒާކޮށް ހުންނަ ވަގުތަކު އެކަމާ ދޭތެރޭ ވިސްނާލުމުން އެއީ މާ ބޮޑު މައްސަލައަކަށް ނުވެ ހިނގައިދާނެއެވެ.

  1. މަލާމާތް ކޮށްފާނެތީ ބިރުގަތުން

ހާސްވެ ކަންބޮޑުވާ މީހުންނަކީ އެހެންމީހުން ކަންކަމާ ދޭތެރޭގައި ދެކެފާނެ ގޮތަކާ ދޭތެރޭ މާބޮޑަށް ވިސްނައި ބިރުގަންނަ ބައެކެވެ. މިގޮތުންވެސް ވެދާނެ އެންމެ ނުބައި ގޮތް ޚިޔާލަށް ގެނެސްގެން އެބިރުވެރިކަމުން ސަލާމަތްވާން އެހެންމީހުންގެ ފަރާތުން ހެޔޮބަސް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ. ނުވަތަ އެހެން މީހަކު ކޮށްފާނެ މަލާމާތަކުން ސަލާމަތްވުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރެއެވެ. ނަތީޖާއަކަށް ވަނީ ސިކުނޑިއަށް ލޯޑުބޮޑުވެ ސިކުނޑިއަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރެއެވެ.

ހައްލު: މީހަކު ތިބާއަށް މަލާމާތެއް ކުރިއަސް އަދި ދެރަބަހެއް ބުންޏަސް އެކަމާ ކަންބޮޑު ނުވާށެވެ. ދެރަނުވާށެވެ. އެހެން މީހުން މަލާމާތްކޮށް ފާހަގަކުރާ ކަމަކީ ތިބާއަށް ގޯސްކޮށް ކުރެވިފައިވާ ކަމެއްނަމަ އެ ކަންތައް އަވަހަށް ރަނގަޅު ކޮށްލާށެވެ. އަދި އެއީ ތިބާއަށް ލިބުނު ފިލާވަޅެއް ކަމުގައި ދެކޭށެވެ.

  1. އަމިއްލަ ނަފުސާ ދޭތެރޭ ޔަޤީންކަން ނެތުން

މިއީ އަމިއްލަ ނަފްސާދޭތެރޭގައި ކުރެވޭ ޝައްކުތަކެވެ. މިކަންތައް ބޮޑަށް ފެނަނަނީ ބޮޑު މަސައްކަތަކާ ކުރިމަތިލާހިނދު ނުވަތަ އަމިއްލަ ޤާބިލިއްޔަތުތަކާ ހުނަރުތައް މީހުންނަށް ދައްކަންޖެހޭފަދަ ހާލަތްތަކުގައެވެ. އެފަދަ ހާލަތުގައި ހާސްވެ ކަންބޮޑުވުމުގެ ބަލި ތަހައްމަލް ކުރާމީހުން އެމީހުންނަށް ބަހެއް ބުނެވުނީ ރަނގަޅަށްތޯ؟ ކަމެއް ކުރެވުނީ ރަނގަޅަށްތޯ؟ ނުބުނެވި އޮތީ ކޮން ވާހަކައެއްތޯ؟ ނުކުރެވި އޮތީ ކޮން ކަމެއްތޯ؟ މިހެންގޮސް މިފަދަ އެތައް ސުވާލެއް އުފައްދައި އެކަމާ އަބަދު ވިސްނައި ފިކުރުކުރެއެވެ. ނަތީޖާއަކީ ސިކުނޑިއަށް ގެއްލުންވެ މީހާ މޮޔަވާ ހިސާބަށް ދިއުމެވެ.

ހައްލު: ތިބާގެ އަމިއްލަ ނަފުސުދެކެ ލޯބިވާށެވެ. ތިބާ ކަންތައް ކުރަނީ ތިބާއަށް ކުރެވޭ އެންމެ ރަނގަޅަށްކަން ހާނދާނުގައި ބަހައްޓާށެވެ. އެހެން މީހުންވެސް ތިބީ ތިބާއާއި އެއް ހާލަތެއްގައެވެ. ތިބާފަދައިން ކާމިޔާބުވޭތޯ ހިތްވަރާއެކު މަސައްކަތް ކުރުމުގައެވެ. ވުމާއެކު ތިބާގެ ނަފުސު މާބޮޑަށް ދެރަކޮށްނުލާށެވެ. ނަފުސާއި އެދެވޭ ވާހަކަ ދައްކައިގެން ނޭދެވޭ ޚިޔާލާއި ފިކުރުތައް އެދެވޭ އެއްޗަކަށް ބަދަލުކުރަން މަސައްކަތް ކުރާށެވެ. މިސާލަކަށް “އަހަރެންނަށް ވެސް ވާނެ، އަހަރެންވެސް ކުރާނަން” ، “އަހަރެން ހީކުރާ ވަރަށްވުރެ އަހަރެން މާ މޮޅުވާނެ” މިގޮތަށްތިމާގެ ނަފްސާ ވާހަކަ ދައްކައި ނަފްސަށް ހިތްވަރުދޭށެވެ.

  1. ކަންކަމުގައި ގޮތް ނިންމުމަށް ނުކުޅެދުން

މިއީ ކަމެއް ކުރެވެން އޮތް ގޮތްތައް ނުވަތަ މަގުތަކާއި އެކަމެއް ކުރުމުން ނުކުމެދާނެ ނަތީޖާތަކާ ދޭތެރޭ ވިސްނަ ވިސްނާ އެތަށް ވަގުތެއް ހޭދަ ކުރެވޭ އިރުވެސް ކަމެއް ކުރާނެ ވަކިގޮތެއް ޚިޔާރު ނުކުރެވި ވަކި ގޮތެއް ކަނޑައަޅަން ނުކުޅެދުމެވެ. މިކަމުގެ ނަތީޖާއަކީ ލިބޭ ފުރުޞަތުތައް ގެއްލި، އަމިއްލަ ނަފުސާދޭތެރޭ އޮންނަ ޔަޤީންކަން އިތުރަށް ކުޑަވުމެވެ. ސަބަބަކީ ދިރިއުޅުމުގައި ކުރިއަށް ދިއުމަށް އަމިއްލަ ނަފުސަށް އިތުބާރު ނުކުރެވުމެވެ.

ހައްލު: މިފަދަ ކަންކަމަށް ސީދާ ވަކި ހައްލެއް ނޯވެއެވެ. ނަމަވެސް މިކަން ހައްލުކުރުމަށް ނަފުސާނީ ޢިލްމުވެރިން ދެއްވާފައި ހުންނަ ލަފާތައް ހުރެއެވެ. އެގޮތުން އެންމެ ފުރަތަމަ އެވަގުތަކު ކުރަން އުޅޭކަމެއް ލިޔެލާށެވެ. ދެން އެކަން ކުރެވެން އޮތް ގޮތްތައް ވެސް ލިޔާށެވެ. އެއަށްފަހު ވަކި ވަކި ގޮތްތަށް ހިޔާރުކޮށްފިނަމަ ލިބޭނެ ގެއްލުމާއި ފައިދާތަށް ނޯޓުކުރާށެވެ. މިހުރިހާ އެއްޗެއް ލިޔެވި ހާމައަށް ފެންނަން އޮތުމުން ވަގިގޮތެއް ޚިޔާރުކުރުމަށް ފަސޭހަވާނެއެވެ. މިކަންތައްތައް ނޯޓު ކުރުމުގެ ކުރިންވެސް އަޖުމަ ބަލާލެވޭނެ ފުރުޞަތު އޮތް ކަމެއްނަމަ އެކަމެއް ކުރެވޭތޯ އަޖުމަބަލާލާށެވެ. އެއަށްފަހު ތިބާ އެންމެ ހިތްއެދޭ ގޮތެއް ޚިޔާރު ކުރާށެވެ.

ހާސްވުމާ ކަންބޮޑުވުމަކީ އަހަރުމެންގެ ކިބައިގައި އަށަގަނެފައިވާ ކަމަކަށް ވެދާނެއެވެ. އަދި ތަހުޒީބު ދިރިއުޅުމުގެ ސަބަބުން މިމައްސަލަ އިތުރުވިޔަސް އަހަރެމެންގެ ހުރިހާ ޚިޔާލާއި ފިކުރަކަށް މިކަމުގެ އަސަރު ފޯރައިގެން ނުވާނެއެވެ. މަތީގައި ބަޔާންކުރެވުނު ބައެއް ހައްލުތަކުގެ އެހީގައި ހާސްވެ ކަންބޮޑުވުމަށް މެދުވެރިވާ ބައެއް ގޮތްތައް އޮޅުންފިލައި ދިމާވާ ބައެއް ގޮންޖެހުންތައް ނައްތާލެވިދާނެއެވެ. ހަންދާކުރާށެވެ. ތިބާ ހީކުރާ ވަރަށްވުރެ މާބޮޑަށްވެސް ތިބާގެ ސިކުނޑިއަށް ބާރު ފޯރުވުމުގެ ބާރު ތިބާގެ އަތުގައި އެބައޮތެވެ. އަދި އެ ބާރު ތިބާ ހީކުރާ ވަރަށްވުރެ މާބޮޑުތަންވެސް ބާރުގަދައެވެ.

1 ކޮމެންޓް
އައްޑޫ ކާނލޯ
ފެބުރުއަރީ 27, 2018
ނޮޓް ބޭޑް