ލިޔުނީ: މުޙައްމަދު ހިޒްޔަމް ދިރާގު އިންޓަރ ސްކޫލް ނެޓްބޯޅަ ޓޯނަމެންޓްގައި މިއަދު ކުޅުނު 13 އަހަރުން ދަށުގެ އުމުރުފުރާގެ މެޗް، ޝަމްސުއްދީން ސްކޫލް ކާމިޔާބު ކޮށްފިއެވެ. ހިރާ ސްކޫލާއި ވާދަ ކޮށް މިއަދުގެ މެޗް ޝަމްސުއްދީން ސްކޫލުން ކާމިޔާބު ކުރީ 4/25 ގެ ނަތީޖާއަކުންނެވެ. ޝަމްސުއްދީން ސްކޫލުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ޝަމްސުއްދީން ސްކޫލުގެ ދަރިވަރު އައިޝަތް ޝުމައިންއެވެ. މިއަދު ޝަމްސުއްދީން ސްކޫލުގެ 11 އަހަރުން ދަށުގެ އުމުރުފުރައިގެ މެޗް ނިމިފައިވަނީ ދެ ޓީމު އެއްވަރުވެގެންނެވެ. ޝަމްސުއްދީން ސްކޫލާއި މަރަދޫ ސްކޫލް ބައްދަލުކުރި މި މެޗްގައި ދެ ޓީމްގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު މި މެޗްގައި ދެ ޓީމަށްވެސް ކާމިޔާބު ކުރެވިފައިވަނީ 3 ލަނޑެވެ. މި މުބާރާތުގައި އިއްޔެ ކުޅުނު 13 އަހަރުން ދަށުގެ އުމުރުފުރާގެ މެޗް ވެސް ކާމިޔާބު ކޮށްފައިވަނީ ޝަމްސުއްދީން ސްކޫލެވެ. އެ މެޗްގައި މަރަދޫ ސްކޫލާއި ވާދަކޮށް ޝަމްސުއްދީން ސްކޫލް މޮޅުވެފައިވަނީ 8 /10 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ޝަމްސުއްދީން ސްކޫލްގެ ދަރިވަރު އައިޝަތް ޝުމައިންއެވެ. މެޗަށްފަހު ޝަމްސުއްދީން ސްކޫލުގެ ޓީމުން ބުނެފައިވަނީދެން އަންނަ މެޗެއްގައި ކުޅުން ރަނގަޅު ކުރުމަށް ވަރަށް މަސައްކަތް ކުރާނެ ކަމަށާއި ހިތްވަރާއި އެކު މަސައްކަތް ކޮށްގެން ކާމިޔާބު ލިބޭތޯ ކެނޑިނޭޅި މަސައްކަތް ކުރާނެކަމަށެވެ. ކުދިންގެ ހުނަރު ކުރިއަރުވައި ސްކޫލްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އުނގެނުމުގެ ތެރެއިން ދަރިވަރުންނަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ މި މުބާރާތުގައި އައްޑޫގެ 11ސްކޫލަކުން ބައިވެރިވެފައިވާ އިރު މި މުބާރާތް އިންތިޒާމްކޮށް ކުރިއަށް ގެންދަނީ ހިތަދޫ ސްކޫލުންނެވެ. ދިރާގުން ސްޕޮންސާރ ކޮށްފައިވާ މި މުބާރާތް ކުރިއަށް ގެންދަނީ ޖޫން މަހުގެ 26 އިން 30ގެ ނިޔަލަށެވެ. މި މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ބޭންކް އޮފް މޯލްޑިވްސް އާއި ފަލަކް ސްޕޯޓްސް އެވެ.