English Edition
Dhivehi Edition

ޗައިނާއާއި ބަންގްލަދޭޝާ ދެމެދު ވަރުގަދަވަމުން އަންނަ ގުޅުމާމެދު އިންޑިއާއިން ކަންބޮޑު ނުވުމަށް ބަންގަލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެއްޖެއެވެ.

ހަސީނާ ވިދާޅުވެފައިވަނީ، ބަންގްލަދޭޝްގެ ސަރުކާރުން ބޭނުން ވަނީ އެގައުމަށް ތަރައްގީ ގެނައުމަށް ކަމަށެވެ. އެހެންކަމުން އެގައުމުގެ ތަރައްގީއަށް މަސައްކަތް ކޮށްދެއްވުމަށް ތައްޔާރަށްތިބި ކޮންމެ ބަޔަކާއެކު އެގައުމުން ގުޅުން ބާއްވަން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ޗައިނާ އާއި ބަންގްލަދޭޝާ ދެމެދު އުފެދިފައި އޮތް ގުޅުމަކީ އެގައުމުގެ ތަރައްގީއަށްޓަކައި އުފައްދާފައިވާ ގުޅުމެއްކަމަށް ވެސް ހަސީނާ ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރު ޝެއިޚް ހަސީނާއާ ހަވާލާދީ އިންޑިއާގެ ނޫހެއް ކަމުގައިވާ ދަ ހިންދޫގައި ބުނެފައިވަނީ އެގައުމުން ބޭނުންވަނީ ގައުމު ތަރައްގީކޮށް ކުރި އެރުވުމަށްޓަކައި އިންވެސްޓްމެންޓް ތަކާއި އެއްބާރުލުން ކަމަށެވެ. އެގޮތުން ޗައިނާ، އިންޑިއާ، ޖަޕާން އަދި މެދު އިރުމަތީގެ ގައުމުތަކުން ވެސް ބަންގަލަދޭޝަށް އެއްބާރުލުން ދެއްވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެ ގައުމުތަކާ ބަންގާޅުން ގުޅުންބަދަހި ކުރުމަކީ އިންޑިއާއިން ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށް ހަސީނާ ވިދާޅުވެފައިވެއެވެ.

ހަސީނާ ވިދާޅުވީ އެކަމާ އިންޑިއާއިން ކަންބޮޑުވުމުގެ ބަދަލުގައި އެގައުމުން އަވަށްޓެރި ގައުމުތަކާއެކު އޮންނަ ގުޅުން ރަނގަޅު ކުރުން މުހިންމު ކަމަށެވެ. އެކަމުގެ ސަބަބުން ސަރަހައްދުގެ ކުރިއެރުމަށް މަގުފަހިވެގެން ދާނެ ކަމަށް ހަސީނާ ވިދާޅުވެފައިވެއެވެ.

އިންޑިއާއާއި ބަންގްލަދޭޝާ ދެމެދު މިހާރުވެސް އޮތީ ގާތް ގުޅުމެއް ކަމަށާއި، އަދި އެ ގުޅުމުގެ ސަބަބުން ދެގައުމުގެ ބޯޑަރުގެ މައްސަލަތައް ހައްލު ކުރުމުގައި ދުނިޔެއަށް ނަމޫނާ އަކަށް އެ ދެގައުމު ވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.