English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޔުނިވަރުސިޓީއާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން ހިތަދޫގައި ތަރައްގީކުރާ ސިޓީބާޒާރުގެ ފިހާރަތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސިޓީކައުންސިލުން ސޮއިކޮށްފިއެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އައްޑޫސިޓީ ކައުންސިލް އިދާރާގައެވެ. އައްޑޫސިޓީގެ ޑެޕިޔުޓީމޭޔަރ މުހައްމަދު ޔަސްރިފް ވިދާޅުވީ ސިޓީބާޒާރުގައި މިހާރު ހަދައިފައިވާ ހުރިހާ ފިހާރަތަކެއްވަނީ ކުއްޔަށްދެވިފައެވެ. ކުއްޔަކީ މަހަކު 500 ރުފިޔާއެވެ. އެއްބަސްވުން އެކުލަވާލައިފައިވާ ގޮތުން ތިންމަސްވަންދެން ކުލި ނުދައްކައިފި ކަމަށްވާނަމަ އެމީހެއްގެ އަތުން އެތަންއޮޓޯމެޓިކުން ވަކިވާނެ ކަމަށް ޔަސްރިފް ވިދާޅުވިއެވެ. މިހާރުވެސް އެތަނުގައި ދެތިން ފިހާރަ އެބަހިންގައެވެ. ސިޓީބާޒާރުގެ މަސައްކަތް ވަރަށް ބާރަށްކުރިއަށް ގެންގޮސްފައި މިހާރުވަނީ ކޮންމެވެސް ވަރަކަށް މަޑުޖެހިފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ ގައުމީޔުނިވަރުސިޓީގެ އިސްވެރިން ބަދަލުވުމާ ގުޅިގެން ސިޓީ ބާޒާރު ތަރައްގީ ކުރުމަށްވަނީ މަޑުޖެހިފައެވެ. ޔަސްރިފް ވިދާޅުވީ ޑރ. މުހައްމަދު ޒާހިރު ހުސައިން ޔުނިވަރުސިޓީގެ ޗާންސެލާކަމުން ވަކިކުރި ހިސާބުން ފެށިގެން މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ. ސިޓީބާޒާރުގައި ހަދާފައިވާ ފިހާރަތަކަށް ދިޔުމަކީވެސް ފަސޭހަކަމެއްނޫންނެވެ. ޚާއްސަކޮށް ވާރޭވެހޭއިރު އެސަރަހައްދުގައި އޮންނަނީ ފެންބޮޑުވެފައެވެ. އެހެންކަމުން ހިނގައިބިނގައިއުޅޭނެ މަގެއް ހެދިޔަސް އެންމެ އެދެވޭނަތީޖާއެއް ނެރެވޭނެ ކަމަށް ކައުންސިލުން ދެކެވަޑައެއް ނުގަންނަވައެވެ. އެތާގައި މިހާރުވެސް ފިހާރައެއް ހިންގާ މީހަކުބުނީ އެތަނަށް އަންނަ މީހުންގެ އަދަދުވަރަށް މަދު ކަމަށެވެ.