English Edition
Dhivehi Edition

ލިޔުނީ: މުޙައްމަދު ހިޒްޔަމް ޝަމްސުއްދީން ސްކޫލުގެ ޕްރިފެކްޓުންނާއި އިސްމަގާމުތަކުގައި ތިބޭ ދަރިވަރުން ގުޅިގެން، އީދު ހަދިޔާ ބަހައިފިއެވެ. ފިތުރު އީދު ދުވަސް ފާހަގަ ކުރުމަށްޓަކައި އިއްޔެ ހެނދުނު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، މީދޫގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދުވަސްވީބަލި މީހުންނަށް ވަނީ ފުރުޓު ބާސްކެޓްތައް ހަދިޔާ ކޮށްފައެވެ. މި ހަރަކާތުގައި ސްކޫލް ޓީޗަރުން ބައިވެރިވެ ދަރިވަރުންނާއި އެކީ ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ބަލި މީހުންނާއި އީދު ސަލާމް ކޮށްފައެވެ. އީދު ހަދިޔާ ބެހުމުގެ މި ހަރަކާތް ކުރިއަށް ގެންދިޔަ މައިގަނޑު މަގްސަދަކީ ދަރިވަރުންގެ މެދުގައި އިސްލާމި ރީތި އާދަތަށް ދިރުވައި އާލާ ކުރުމާއި އެކު، ސްކޫލުގެ އިސް މަގާމުތަކުގައި ތިބޭ ދަރިވަރުން އެހެން ކުދިންނަށް ނަމޫނާއަކަށް ހެދުމެވެ. އަދި ޕްރިފެކްޓުންނާއި މަގާމްތަކުގައި ތިބޭ ދަރިވަރުންގެ ކިބައިގައި ރީތި އަޚްލާގް އަށަގެންނެވުމާއި އެކު ދީނީ ހޭލުންތެރިކަން ކުދިންގެ މެދުގައި ގާއިމުކުރުމަކީވެސް، މި ހަރަކާތުގެ މަގްސަދެކެވެ. މި ހަރަކާތް ނިންމާލުމަށްފަހު މައުލޫމާތު ދެއްވަމުން ސްކޫލްެގެ ޑެޕިއުޓީ ކެޕްޓަން ބުނެފައިވަނީ މި ކަހަލަ ހަރަކާތްތަށް ބޭއްވުމަކީ ކޮންމެހެންވެސް ކުރަން ޖެހިފަ އޮތް ކަމެއް ކަމަށާއި މި އަހަރު މި ފަދަ ކަމެއް ސްކޫލުން ކުރިއަށް ގެންދީތީ އުފާ ކުރާކަމަށެވެ މި އަހަރު ފިތުރު އީދުގެ ކުރިން ޝަމްސުއްދީން ސްކޫލުން ޕްލޭން ކޮށްގެން މިފަދަ ފުރިހަމަ ހަރަކާތެއް ކުރިއަށް ގެންދީތީ ވަރަށް އުފާކުރާ ކަމަށް މައުލޫމާތު ދެއްވި ބެލެނިވެރިއެެއް ވިދާޅުވިއެވެ. ” މިއީ ކޮންމެއަކަސް ޝަމްސުއްދީން ސްކޫލުން ކުރިއަށް ގެންދިޔަ ވަރަށް ރަނގަޅު ކަމެއް. ސްކޫލުން ދަރިވަރުން ތަރުބިއްޔަތު ކުރުމަށް މި ކަހަލަ ކަންތައްތައް ކުރާތީ އުފާ ކުރަން ” ސްކޫލް މީޑިއާއަށް މައުލޫމާތު ދެއްވަމުން ބެލެނިވެރިއަކު ބުނެފައިވެއެވެ މިއަހަރު ފިތުރު އީދު ދުވަސް ފާހަގަ ކުރަން ޝަމްސުއްދީން ސްކޫލުން ގެންދިޔަ މި ހަރަކާތަށް ގިނަ ބެލެނިވެރިންގެ ތަރުހީބު ވަނީ ލިބިފައެވެ. މިއީ ޝަމްސުއްދީން ސްކޫލުން ފިތުރު އީދު ދުވަސް މިގޮތަށް ފާހަގަ ކުރި ފުރަތަމަ ފަހަރެވެ.