English Edition
Dhivehi Edition

ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް ތައްޔާރަށް އިންނެވި ކަމަށް ކޮލަންބޯގެ ފުރަތަމަ އަންހެން މޭޔަރު ކަމަށް ހޮވިވަޑައިގެންފައިވާ ރޮޒީ ސެނަނަޔަކަ ވިދާޅުވެއްޖެއެވެ.

ކޮލަންބޯގެ މޭޔަރު ކަމަށް ރޮޒީ ހޮވިވަޑައިގެންފައިވަނީ މިދިޔަ ހޮނިހުރު ދުވަހު ސްރީލަންކާގައި ބޭއްވި އެގައުމުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރައްވައިގެންނެވެ.

އޭނާ އިންތިޚާބުގައި ވާދަ ކުރައްވާފައިވަނީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ނިސްބަތްވެ ވަޑައިގަންނަވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ރޮޒީ އިންތިޚާބަށް ނުކުމެ ވަޑައިގެންނެވިއިރު އަދާކުރައްވަމުން ގެންދެވި ވަޒީފާއަކީ ބޮޑުވަޒީރުގެ އޮފީހުގެ ތަރުޖަމާނުގެ މަގާމެވެ.

ސްރީލަންކާގެ ކޮލަންބޯއަކީ ކޮރަޕްޝަނާދުރު، ސްމާޓް ސިޓީއަކަށް ހައްދަވަން އޭނާ އިންނެވީ ތައްޔާރަށެވެ. އެކަމަށް ދިމާވާ ކޮންމެ ގޮންޖެހުމަކަށްވެސް ކުރިމަތިލާން ތައްޔާރު ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ މަގާމެއްގައި އަންހެނަކު އިންނެވުމަކީ ތަފާތު އެކިކަހަލަ ހުރަސްތަކާއި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަމެއް ކަމަށް ބައެއް މީހުންދެކެއެވެ. އެހެންނަމަވެސް ރޮޒީ އިންނެވީ އެފަދަ ހުރިހާކަމަކަށް ތައްޔާރުވެ ވަޑައިގެންނެވެ.

ރޮޒީއަކީ ޔުނައިޓެޑް ނޭޝަންސް ޕޮޕިޔުލޭޝަން ފަންޑުގެ ގުވިލް އެމްބެސެޑަރުކަންވެސް ކުރައްވާފައިވާ ކަނބަލެކެވެ. އޭނާވަނީ މިނޫނަސް އެތައް މަގާމެއް ފުރުއްވައި ލަންކާ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވައިފައެވެ.