English Edition
Dhivehi Edition

އިންޑިޔާ ސިފައިން ރާއްޖެ ނުފޮނުވާނެ ކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖެއަށް އިންޑިއާގެ ސިފައިން ފޮނުވުމަށް ނުވަތަ އަސްކަރީ ފިޔަވަޅުތައް އެޅުމަށް ގޮވާލާ އެކަމަށް ހިތްވަރުދީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ދިވެހިންނާޢި އިންޑިއާގެ ބައެއް ސިޔާސީ ފަރާތްތަކުންނާއި އަދި ބައެއް ނޫސްތަކާއި މީޑިއާތަކުން ވާހަކަ ދައްކާފައިވާ ކަމަށެވެ.

ނަމަވެސް ރާއްޖެ އާއި އިންޑިޔާ ދެމެދު ޒަމާނުއްސުރެއް އޮންނަ ގާތް ގުޅުމުގެ މިހާރުވެސް ދަމަހައްޓަމުންދާ ކަމަށާއި އިންޑިޔާއިން ސިފައިން ރާއްޖެއަށް ނުފޮނުވާނެ ކަމުގެ ޔަގީންކަން ސަރުކާރަށް ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ

އެފަދަ ވާހަކަތަކަކީ ދެގައުމުގެ ގުޅުމާމެދު ސުވާލު އުފެއްދުމުގެ ނިޔަތުގައި ދައްކާ ވާހަކަތަކެއް ކަމަށާއި އެ ފަދަ ވާހަކަތައް ނުދެއްކުމަށް ޑިފެންސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ..

އޭގެ އިތުރުން ބޭރުގެ އެއްވެސް ފަރާތެއްގެ އެހީތެރިކަމަށް ސަރުކާރުން އެދިފައި ނުވާނެ ކަމަށާއި އެހެންކަމުން ސިފައިން އަތުވެދާނެ ކަމުގެ ބިރުވެރިކަމެއް ވެސް ނެތް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި ގައުމުގެ މިނިވަންކަން ގެއްލޭނެ ފަދަ ކުޑަ ކަމަކަށް ވެސް ސަރުކާރުން ޖާގައެއް ނުދޭނެ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ދިވެހިރާއްޖެއާ ދެކޮޅަށް ބޭރު ގައުމެއްގެ ސިފައިން އަތުވެދާނެ ކަމުގެ ބިރުވެރިކަމެއް ނެތް ކަމަށާއި ގައުމުގެ މިނިވަންކަމާޢި އިސްތިގްލާލަށް ގެއްލުންވެދާނެ ކުޑަވެސް ކަމަކަށް ދިވެހި ސަރުކާޜުން ފުރުސަތު ނުދޭނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.