English Edition
Dhivehi Edition

އެސްޓީއޯ މާލޭ ލީގު 2017ގެ ދެވަނަ ބުރުގައި ރޭ ކުލަބް އީގަލްސް އާއި މާޒިޔާ ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު އީގަލްސް އިން ކާމިޔާބު ކޮށްފިއެވެ. ރޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗު އީގަލްސްއިން ކާމިޔާބުކޮށްފައިވަނީ މަލޭ ލީގުގެ އެއްވަނާއިގައި މިވަގުތު އޮތް މާޒިޔާ 4-0 ލަނޑުގެ ބޮޑު ތަފާތަކުން ބަލިކޮށްގެންނެވެ. ރޭ އީގަލްސް އާއި މާޒިޔާ ބައްދަލު ކުރިމެޗުގެ ފުރަތަމަ ހާފްގައި މާޒިޔާގެ ފަރާތުންވަނީ މޮޅުކުޅުމެއް ދައްކައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސް ކޮށްފައެވެ. މާޒިޔާއިން ފުރަތަމަ ހާފްގައި މޮޅަށް ކުޅުނު ކަމުގައި ވިޔަސް އީގަލްސްއިން ވެސް ވަނީ ކައުންޓަށް އެޓޭކްގައި މާޒިޔާގެ ގޯލަށް ނުރައްކާކުރަން މަސައްކަތް ކޮށްފައެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމްއަކަށް ލަނޑެއް ޖެހޭގޮތްވަނީ ނުވެފައެވެ.މިރޭގެ މެޗުގައި މޮޅަށް ފުރަތަމަ ހާފްގައި ކުޅުނު މާޒިޔާއިން ވަނީ ދެވަނަ ހާފްފަށާއިގެންވެސް މެޗް ކޮންޓުރޯލް ކޮށްގެން ކުޅެފައެވެ.އެހެން ނަމަވެސް އީގަލްސް އިންވަނީ ފުރަތަމަ ހާފްއާއި ހިލާފްއަށް ދެވަނަ ހާފްގައި ކައުންޓައް އެޓޭކްގައި މާޒިޔާގެ ގޯލަށް ނުރައްކާތެރި ހަމާލަތަށް ކާރިކާރީގައި ފޮނުވައި މާޒިޔާގެ ގޯލް ފޫއަޅުވާލާފައެވެ.މިގޮތުން މެޗުގެ 50ވަނަ މިނެޓް އަދި 75ވަނަ މިނެޓްގައި އީގަލްސްގެ ރިޒުވާން ވަނީ ލަނޑު ޖަހައި މާޒިޔާ މާޔޫސް ކުރުވާފައެވެ.އަދި ހަމައެހެންމެ މިރޭގެ މެޗުގެއި އީގަލްސްގެ ނާއިމްވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުމެ މެޗުގެ 84ވަނަ މިނެޓްގައި މާޒިޔާ ކޮޅަށް ލަނޑުޖަހާއި އީގަލްސްއަށް ނަތީޖާގެ ފަރަގު ތިންޕޮއިންޓްއަށް ބޮޑުކޮށް ދީފައެވެ. ނާއިމްގެ ލަނޑަށް ފަހު މާގިނަ އިރުތަކެއް ނުވަނީސް ރިޒުވާން ވަނީ މެޗުގެ އެންމެ ފަހުވަގުތު ކޮޅުގައި މެޗުގެ 4ވަނަ ގޯލްޖަހައި ހެޓްރިކްފުރި ހަމަ ކޮށްފައެވެ. ރޭގެ މެޗަށް އީގަލްސް ނުކުން އިރު އެ ޓީމުގެ ސްކޮޑުގައިހިމެނޭ މުހިންމު ތިން ކުޅުންތެރިއަކަށް ފުރުސަތު ދީފައެއް ނުވެއެވެ.މިގޮތުން ލީގުގެ ފުރަތަމަ ބުރުގައި އެންމެ ރަނގަޅަށް އީގަލްސްއަށް ކުޅެދިން އިބްރާހިމް މުބީން އަހުމަދު ރަޝީދު (މުއްކި) ރިހާމް އަބްދުލްގަނީ (ބޮބީ) އަހްލާގީ މައްސަލައެއްގެ ސަބަބުން ރޭގެ މެޗުން ފުރުޞަތުދީފައެއް ނުވެއެވެ