English Edition
Dhivehi Edition
އަވަސް ފޮޓޯ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އަނބިކަނބަލުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބަލަމުންގެންދާ މައްސަލައަކާއި ގުޅިގެން އަލީ ހަމީދުގެ އަނބިކަނބަލުން ހައްޔަރު ކޮށްފައިވާއިރު، އަލީ ހަމީދުވެސް މިދިޔަ ހޯމަ ދުވަހު ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެއާއިލާގެ އިތުރު 3 ބޭފުޅަކުވެސް ވަނީ އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އަލީ ހަމީދު ހައްޔަރުކުރީ ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް މިދިޔަ ހޯމަ ދުވަހުގެރޭ ވަދެ އެ ކޯޓުގެ ތެރޭގައި ހިންގި އޮޕަރޭޝަނެއްގައެވެ.

އަލީ ހަމީދު ހައްޔަރުކޮށްފައިވާއިރު، ޖޭއެސްސީން ވަނީ އެމަނިކުފާނު ސަސްޕެންޑުވެސް ކޮށްފައެވެ. ޖޭއެސްސީން ވިދާޅުވީ އަލީ ހަމީދު ސަސްޕެންޑްކުރީ ގައުމަށް ހިޔާނާތް ވުމާއި ރިޝްވަތު ހިފުމާއި ސަރުކާރު ވައްޓާލަން ރޭވުމުގެ ސާބިތު ހެކި ލިބިގެން ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކްޓިން ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ އަލީ ހަމީދުގެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އޭނާއާ ގުޅުން ހުރި ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމަށެވެ.

އަލީ ހަމީދުގެ އިތުރުން ފުލުހުން ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުވެސް ހައްޔަރުކޮށްފައެވެ.

ނަމަވެސް އެބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ކުރިން ވަނީ ވިދާޅުވެފައެވެ.