ރާއްޖެ ހަލަބޮލި ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުހިންގުމަށާއި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ކިޔަމަންތެރިކަން އަދާކުރުމާއި ރާއްޖޭގެ ހަމަހިމޭންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން އިލްތިމާސް ކޮށްފިއެވެ.
މިކަން ހާމަކުރައްވާ އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ ހަމަހިމޭންކަން ނަގާލުމަށް ބައެއް ފަރާތްތަކުން ވެރިރަށް މާލެއާއި ރާއްޖޭގެ ބައެއް ރަށްތަކުގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާމެދު ނަފުރަތުކަން އުފައްދާ ޙަޤީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ މަސްލަޙަތު ނަގާލުމަށް ފާޅުގައި ހިތްވަރުދީ އެއްވުންތައް ބާއްވާ އަދި ސޯޝަލް މީޑިއާގައި ރާއްޖޭގެ އިޖުތިމާޢީ ހަމަޖެހުމަށް ބުރޫ އަރާ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ފާޅުގައި ނުރައްކާކުރުމަށް ހިންގަމުންދާ ތަފާތު ހަރަކާތްތައް ހުއްޓުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން މިދަނީ މަސައްކަތް ކުރަމުންކަމަށް އެމްއެންޑީއެފްގެ ބަޔާނުގައި ވެއެވެ.
” ރާއްޖޭގެ ޤާނޫނު އަސާސީން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަމަން އަމާންކަމާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ސަލާމަތީ ބާރުތަކުން ސާބިތުކަމާއި ބަދަހި ކަމާއެކު ދެމިއޮތް ވާހަކަ ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ފުރުޞަތުގައި ދަންނަވަން. ރައްޔިތުންގެ ރައްކާތެރިކަމާއި ޤާނޫނީ ސަރުކާރު ހިމާޔަތްކުރުމުގައި ޤާނޫނު އަސާސީން ސަލާމަތީ ބާރުތަކަށް ލާޒިމްކޮށްފައިވާ އެންމެހާ ކަންކަން ތަންފީޒުކުރުމުގައި ސާބިތުކަމާއެކު ސަލާމަތީ ބާރުތައް ދެމި އޮތްކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަޤީންކަން އަރުވަން” ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖެ ހަލަބޮލި ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުހިންގުމަށާއި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ކިޔަމަންތެރިކަން އަދާކުރުމާއި ރާއްޖޭގެ ހަމަހިމޭންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވަވާފައެވެ.