English Edition
Dhivehi Edition
ފިނޭންސް މިނިސްޓްރީ - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

މިއަހަރު ސަރުކާރުން ދެއްކި 500 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދެއްކުމުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގެ އެހީތެރިކަން ހޯދާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. ފިނޭންސް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރުމަށް މި ފަންޑުގެ ފައިސާ ވަނީ މިއަހަރުގެ ތެރޭގައި ބޭނުންކޮށްފައެވެ.

ސޮވެރިން ފަންޑަކީ ކުއްލި ހާލަތްތަކުގައި ދިމާވާ ކަންކަމަށާއި، ތަރައްގީގެ މަޝްރޫއުތަކަށް ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގެ އިތުރުން، އިގުތިސާދީ ލޮޅުންތަކުން ލިބޭ ގެއްލުން ފޫބެއްދުމަށް އުފައްދާފައިވާ ފަންޑެކެވެ. ފިނޭންސް މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، މި ފަންޑަކީ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ރިޒާވްއާ މުޅިން ތަފާތު، ވަކި މަގުސަދެއްގައި ބަލަހައްޓަމުންދާ ފަންޑެކެވެ.

އެސްޑީއެފްގެ އެހީގައި ބޮޑު ލޯނެއް ދައްކާފައި ވާއިރު، ދައުލަތުގެ ދަރަނި ދެއްކުމަށް ކުރި ހޭދަ ވަނީ މިއަހަރު ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ލޯނުތައް އަނބުރާ ދެއްކުމަށް 8.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކުރި 3.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 178 ޕަސަންޓު އިތުރު އަދަދެކެވެ.

ލޯނުތައް ދެއްކުމަށް ކުރާ ހޭދަ އިތުރުވި ނަމަވެސް، އެސްޑީއެފަށް ފައިސާ ޖަމާކުރާ މިންވަރުވެސް ވަނީ އިތުރުވެފައެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފަށް މުޅި ޖުމްލަ 1 ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަމާކުރި 934 މިލިއަން ރުފިޔާއާ އަޅާބަލާއިރު 10 ޕަސަންޓުގެ އިތުރުވުމެކެވެ.