English Edition
Dhivehi Edition
ފޮޓޯ: ރޮއިޓާސް

ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރި ކްރޫޒް ޝިޕެއް ކަމަށްވާ “އެމް.ވީ ހޮންޑިއަސް” އިން ހަންޓާވައިރަސް ފެނުމާ ގުޅިގެން، ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިކަމަށް ސަމާލުވެފައެވެ. ނަމަވެސް، އެޗްޕީއޭ އިން ވިދާޅުވާ ގޮތުގައި މި ބަލީގެ ނުރައްކާ ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށެވެ.

މި ބަލި ފެނިފައިވަނީ ސްޕެއިންގެ ޓެނެރީފް އައިލެންޑަށް ދަތުރުކުރި ބޯޓަކުންނެވެ. އެ ބޯޓުން ދަތުރުކުރި 3 ފަސިންޖަރަކު މި ބަލީގައި މަރުވެފައިވާއިރު މިހާތަނަށް 5 މީހަކަށް ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވެއެވެ. އަދި 3 މީހަކަށް ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވެއެވެ.

ރާއްޖެއިން މިހާތަނަށް މި ބަލީގެ އެއްވެސް ކޭހެއް ފެނިފައެއް ނުވާއިރު އެޗްޕީއޭއިން ބުނީ ކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބޭ މިންވަރަކުން ހިއްސާކުރާނެ ކަމަށެވެ.

ހަންޓާވައިރަސް އަކީ ކޮބާ؟

މިއީ އާންމުކޮށް މީދާ އާއިލާގެ ޖަނަވާރުންގެ މެދުގައި ފެތުރޭ ވައިރަހެކެވެ. އިންސާނުންގެ ގަޔަށް މި ވައިރަސް އަރަނީ ވަރަށް ނާދިރު ހާލަތްތަކުގައެވެ.

ބަލި ފެތުރޭ ގޮތް:

  • ބަލި ޖެހިފައިވާ މީދަލުގެ ނަޖިސް، ކުޅު ނުވަތަ ކުޑަކަމުދާ ތަކެތީގެ ޒަރީއާއިން.
  • މި ތަކެތި ނޭވާލާ ނިޒާމުގެ ތެރެއަށް ދިއުމުން
  • އިންސާނުންގެ މެދުގައި ބަލި ފެތުރެނީ ވަރަށް ގާތުން ކޮންޓެކްޓް ވެގެން (މޫނާއި މޫނު ޖެހޭހާ ގާތްވުމުން ނުވަތަ ކުޅު ވާސިލްވުމުން) ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެއެވެ.

ބަލީގެ ނުރައްކާތެރިކަން

މި ބަލި އިންސާނެއްގެ ހަށިގަނޑަށް ވާސިލްވެއްޖެ ނަމަ، މައިގަނޑު ގޮތެއްގައި ގެއްލުން ދެނީ ނޭވާލާ ނިޒާމަށާއި ކިޑްނީއަށެވެ. ޑަބްލިއުއެޗްއޯ އިން ފާހަގަކުރާ ގޮތުގައި މިއީ ކޮވިޑް-19 ނުވަތަ ހިމަބިއްސާ އެއްފަދައިން ހަލުވިކަމާއެކު ފެތުރޭ ބައްޔެއް ނޫނެވެ.

އެޗްޕީއޭ އިން އަންނަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާ ގުޅިގެން މި ބަލީގެ ހާލަތު މޮނީޓާ ކުރަމުންނެވެ. ބަލީގެ ރިސްކް ކުޑަނަމަވެސް، ބައެއް އާންމުން ދެކޭ ގޮތުގައި ރާއްޖެއަކީ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމަކަށް ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުން މުހިންމެވެ.