English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ގެޓާފޭގެ މައްޗަށް ހޯދި މުހިންމު މޮޅާއެކު، ޖެހިޖެހިގެން ދެވަނަ ފަހަރަށް ލަލީގާ ކާމިޔާބުކުރުމާ ގާތަށް ބާސެލޯނާއިން ޖެހިލައިފިއެވެ.

ލީގުގައި ކޮންމެ ޓީމަކަށް ބާކީ ފަސް މެޗު އޮތްއިރު، ގެޓާފޭއަތުން މޮޅުވެގެން ލިބުނު 3 ޕޮއިންޓާއެކު ބާސެލޯނާ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ވާދަވެރި ރިއަލް މެޑްރިޑަށްވުރެ 11 ޕޮއިންޓް ކުރީގައެވެ. މިއީ އެޓީމުގެ 29 ވަނަ ލަލީގާ ތަށި ހޯދުމަށް ކުރާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.

މިމެޗުގެ ފުރަތަމަ ލަނޑު 45 ވަނަ މިނެޓުގައި ޖަހައި ބާސެލޯނާއަށް ކުރިހޯދައިދިނީ ފާމިން ލޮޕޭޒްއެވެ. މޫނުމަތީގައި މާސްކެއް އަޅައިގެން ކުޅުނު މި މިޑްފީލްޑަރަށް މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ޕެޑްރީ ދިން މޮޅު ޕާހަކުންނެވެ.

ލިބުނު އަނިޔާއެއްގެ ސަބަބުން މި ސީޒަނުގައި ދެން ނުކުޅެވޭނެކަން ކަށަވަރުވެފައިވާ ޒުވާން ތަރި ލަމީން ޔަމާލް ނުލައި ބާސެލޯނާ މި މެޗަށް ނުކުތްއިރު، ރަޝްފޯޑް މެޗު ފެށީ ބެންޗުންނެވެ. އޭނާ ކުޅެން އެރީ މެޗުގެ 60 ވަނަ މިނެޓުގައި ރޫނީ ބާޑްޖީގެ ބަދަލުގައެވެ.

ޔޫރަޕްގެ މުބާރާތްތަކުން ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ގެޓާފޭއިން މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ދެވަނަ ހާފުގައި ވަރަށް ބޮޑަށް އެޓޭކް ކުރަމުން ދަނިކޮށް ރޮބަޓް ލެވަންޑޯސްކީ ދިން ހިތްގައިމު ބޯޅައަކާއެކު ބާސެލޯގެ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން ކުރިއަށް އަރައި، ކުރިމަތީގައި ހުރި ގެޓާފޭގެ ގޯލްކީޕަރު ޑޭވިޑް ސޯރިއާ ކުރިއަށްނުކުމެ ހުއްޓައި، ރަޝްފޯޑް ވަނީ ވަރަށް ހަމަޖެހިލައިގެން ބޯޅަ ގޯލަށް ފޮނުވާލައި މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.