English Edition
Dhivehi Edition
ރޮސީނިއޯ ,ޗެލްސީގެ ކޯޗުކަމާ ހަވާލުވިތާ އެންމެ ތިން މަސް ދުވަހުގެ ތެރޭގައި އެ މަގާމުންވަކިކޮށްފި.

އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ކްލަބު، ޗެލްސީގެ ކޯޗުކަމާ ހަވާލުވިތާ އެންމެ ތިން މަސް ދުވަހުގެ ތެރޭގައި ލިއަމް ރޮސީނިއޯ އެ މަގާމުން ވަކިކޮށްފިއެވެ. ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަން ޗެލްސީން މި ނިންމުން ނިންމާފައިވަނީ، އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް އެ ޓީމު ބަލިވުމާ ގުޅިގެންނެވެ.

އުމުރުން 41 އަހަރުގެ ރޮސީނިއޯ ޗެލްސީގެ ދާއިމީ ކޯޗެއްގެ ގޮތުގައި ހަމަޖެއްސީ، އެންޒޯ މަރެސްކާގެ ބަދަލުގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. މީގެ ކުރިން އިނގިރޭސިވިލާތުގެ ޑާބީ ކައުންޓީ އާއި ހަލް ސިޓީގައި ކޯޗިންގ ކެރިއަރު ފެށި ރޮސީނިއޯ، ޗެލްސީއާ ގުޅުނީ ފްރާންސްގެ ލީގު ވަންގެ ސްޓްރާސްބާގްގައި ދެ އަހަރު ދުވަހު ކާމިޔާބު މަސައްކަތްތަކެއް ކުރުމަށްފަހުއެވެ. އޭނާ ވަނީ ސްޓްރާސްބާގްގައި ކުޅުނު 63 މެޗުގެ ތެރެއިން 51 މެޗު ކާމިޔާބުކޮށްފައެވެ.

އެހެންނަމަވެސް، އޭނާގެ އިރުޝާދުގެ ދަށުން ޗެލްސީގެ ކުޅުނު 23 މެޗުގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ 11 މެޗެވެ. އަދި ފަހަކަށް އައިސް ޓީމު ބަލިވަމުންދިޔަ ދިއުމުގައި، ލަނޑެއް ނުޖެހި ޖެހިޖެހިގެން އެހާ ގިނަ މެޗުން ބަލިވުމަކީ 1912 ވަނަ އަހަރަށްފަހު އެ ކްލަބުގެ ތާރީޚުގައި މިފަދަ ނަތީޖާއެއް ފެނުނު ފުރަތަމަ ފަހަރެވެ.

މިދިޔަ އަންގާރަ ދުވަހު ބްރައިޓަން އަތުން 3-0 އިން ބަލިވުމާއެކު، ޗެލްސީ ވަނީ ތާވަލުގެ ހަތްވަނައަށް ވެއްޓިފައެވެ. މިއީ އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް އެ ޓީމުން ކުރަމުންދާ އުންމީދުތަކަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ.

“ސީޒަނުގެ މެދުތެރެއިން މަގާމާ ހަވާލުވުމަށްފަހު، ލިއަމްރޮސީނިއޯ ވަނީ ޓީމު ކުރިއެރުވުމަށް މަސައްކަތްތަކެއް ކޮށްދީފައި ،”

ޗެލްސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

“މިއީ ކްލަބުން ފަސޭހައިން ނިންމި ނިންމުމެއް ނޫން. އެހެންނަމަވެސް، މި ސީޒަނުގައި އަދިވެސް ގިނަ ކަންތައްތަކެއް ހާސިލުކުރަން ހުރިއިރު، ފަހަކަށް އައިސް ޓީމުގެ ނަތީޖާތަކާއި ކުޅުން ހުރި ގޮތް ކްލަބުން ބޭނުންވާ މިންގަނޑަށްވުރެ ދަށްނަތީޖާ ތަކެއް ފެންނަމުންދާތީ.”

ޗެލްސީގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފަހު މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ ގުޅޭގޮތުން ރޮސީނިއޯ ބުނެފައިވަނީ، އެއީ އެއްގޮތަކަށްވެސް ދިފާއުކުރެވޭނެ ނުވަތަ ބަލައިގަނެވޭނެ ފަދަ ކުޅުމެއް ނޫން ކަމަށެވެ.