ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު 12 ދުވަސް ޖަހައިފިއެވެ.
މި މައްސަލާގައި މި މަހުގެ 5 ވަނަ ދުވަހު ހައްޔަރުކުރީ ވަނީ ތ. ވިލުފުށީ، މޫނިމާގެ، އާދަމް އަދްލާން ލަތީފް (22އ) އެވެ.
އޭނާގެ ބަންދަށް ފުރަތަމަ ދިން 15 ދުވަހުގެ މުއްދަތު އިއްޔެއަށް ހަމަވެފައި ވާއިރު ފުލުހުން ބުނީ މިއަދު އޭނާގެ ބަންދަށް އިތުރު 12 ދުވަސް ޖަހާފައިވާ ކަމަށެވެ.
އާދަމް އަދްލާން ލަތީފް ހައްޔަރުކޮށްފައިވަނީ، ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިން، މި ވޮލެޓުން އޭނާގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވުމާ ގުޅިގެންނެވެ.