English Edition
Dhivehi Edition

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އާއި “ގްރޭޓް ޕްލޭސް ޓު ވޯކް ސްރީލަންކާ” އާ ދެމެދު ސްޓްރެޓެޖިކް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ރާއްޖޭގެ މަސައްކަތުގެ މާހައުލުގެ ސަގާފަތް ހަރުދަނާކުރުމަށާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މާޕް އާއި ގްރޭޓް ޕްލޭސް އިން މި އެއްބަސްވުމުގައި ސޮއިކުރީ އެޕްރީލް މަހުގެ 12 ވަނަ ދުވަހު، މާލޭގައި ބޭއްވި މާޕްގެ 6 ވަނަ “ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2026” ގެ ތެރެއިންނެވެ. ގްރޭޓް ޕްލޭސް ޓު ވޯކް ސްރީލަންކާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރ، ކްޝަނިކާ ރަތުނަޔަކައެވެ. އަދި މާޕްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަހުމަދު އިބްރާހިމް އެވެ. މިއީ އިންސާނީ ވަސީލަތްތައް މެނޭޖްކުރުމުގައި، ބައިނަލްއަގުވާމީ ފެންވަރުގެ އެންމެ ރަނގަޅު އުސޫލުތައް ކުރިއެރުވުމަށް ދެ ފަރާތުން ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުމެކެވެ.

މި އެމްއޯޔޫގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ވަޒީފާ އަދާކުރާ ތަންތަނުގެ އޯގަނައިޒޭޝަނަލް ކަލްޗަރ އާއި، ލީޑަރޝިޕްގެ އިތުރުން މުވައްޒަފުންގެ ތަޖުރިބާ އިތުރަށް ހަރުދަނާކުރުމެވެ. މި ގުޅުމުގެ ދަށުން، މާޕުން “ގްރޭޓް ޕްލޭސް ޓު ވޯކް” ގެ މިންގަނޑުތައް ރާއްޖޭގައި އިސްތިހާރުކޮށް، އެ ކުންފުންޏާއި ގުޅިގެން، ނަތީޖާ ނެރެދެވޭފަދަ މަސައްކަތުގެ މާހައުލެއް ރާއްޖޭގައި ބިނާކުރުމަށް މުއައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން، ބައިނަލްއަގުވާމީ ހޯދުންތަކާއި ދިރާސާތައް ހިއްސާކުރުމާއި، މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމާއި، ލީޑަރޝިޕްގެ ފެންވަރު މަތިކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، ގުޅިފައިވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކޮންފަރެންސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް މި އެއްބަސްވުމުގެ ބައެކެވެ. އަދި މި ސަރަހައްދުގައި އިންސާނީ ވަސީލަތްތަކުގެ ގާބިލުކަން އިތުރަށް ތަރައްގީކުރުމަށް ހުރި ފުރުސަތުތައްވެސް މި ބައިވެރިވުމުގެ ދަށުން ދެނެގަނެވޭނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ރަޓްނަޔަކަ ވިދާޅުވީ، ގުޅިގެން މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުމާއެކު، މަސައްކަތުގެ މާހައުލަކީ ފަހި މާހައުލަކަށް ހެދުމަށް ގްރޭޓް ވޯކްޕްލޭސް އިން ކުރަމުންގެންދާ މަސައްކަތް ރާއްޖޭގައިވެސް ފުޅާވެގެން ދާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ތަޖުރިބާއާއި ހޯދުންތަކުގެ އެހީގައި ރާއްޖޭގެ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާޕްގެ ރައީސް އަޙްމަދު އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި، މިއީ ބައިނަލްއަގުވާމީ ފެންވަރުގެ އެންމެ ރަނގަޅު އުސޫލުތައް ރާއްޖެއަށް ތަޢާރަފުކުރުމަށް މާޕް އިން ކުރަމުންދާ މަސައްކަތާއި ގުޅުން ހުރި މަސައްކަތް ތަކެއް ކަމަށެވެ. އަދި މީގެ ސަބަބުން، ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ފަދަ ވަރުގަދަ މަސައްކަތުގެ ސަގާފަތެއް ބިނާކުރުމަށް ރާއްޖޭގެ ކުންފުނިތަކަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ‘ގްރޭޓް ޕްލޭސް ޓު ވޯކް ސްރީލަންކާ ކޮންފަރެންސް’ ގައި މާޕް އިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ގުޅުމަކީ ރާއްޖޭގެ ހިއުމަން ރިސޯސް (އެޗް.އާރު) ދާއިރާ އިތުރު ހަރުފަތަކަށް ކުރިއެރުވުމަށާއި، މުސްތަޤުބަލަށް ތައްޔާރުވެފައިވާ ވަރުގަދަ މުއައްސަސާތަކެއް ބިނާކުރުމަށް މާޕުން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ބާރެކެވެ.