English Edition
Dhivehi Edition
އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް -- ފޮޓޯ/ އަވަސް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބަށްފަހު، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތައް ހައްލުކުރުމަށް ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ‘ހޭވައްލާ ތައްޔާރު’ ޖަލްސާގައި ނަޝީދު ވާހަކަފުޅުދައްކަވަން ފުރުސަތު ނުދިނުމާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކާއެކު ފައްޔާޒާއި ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ އެ ޖަލްސާ ބޮއިކޮޓްކުރައްވާފައެވެ.
މި މައްސަލަ ހޫނުވެ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަކިކުރަން 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް ތާއިދުކުރާ ފަރާތްތަކާއި ނަޝީދު އަށް ތާއިދުކުރާ ފަރާތްތަކުގެ މެދުގައި ވަނީ ބަހުގެ ހޫނު ހަމަލާތައްވެސް ބަދަލުކޮށްފައެވެ.
އެ މައްސަލައިގައި ޕާޓީގެ އެތެރެ ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށް ރޭ، ޅ. ހިންވަރުގައި ބޭއްވި ޖަލްސާއެއްގައި ސޯލިހް ވަނީ، ހިޔާލުތަފާތުވުންތައް ހައްލުކޮށް މިހާރު އެއްގަލަކަށް އަރާފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މިއަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމްޑީޕީގެ އެތެރޭގެ ހިލާފުތައް ހަމަޖެއްސުމަށް ފައްޔާޒު ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.