English Edition
Dhivehi Edition
ބޯޓު އަޑިއަށް ދިޔަ ސަރަހައްދު

ގއ. ވިލިނގިއްޔަށް ދަތުރުކުރި ބޯޓެއް، ރޭ ދަންވަރު އަޑިއަށް ގޮސް އެ އިން ދަތުރުކުރި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި “އުދަރެސް” ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގިއިރު ބޯޓުގައި ޖުމްލަ 13 މީހުން ތިބިކަމަށެވެ. އަދި އޭތެރެއިން ބިދޭސީއަކު ފަތާފައި، ލ. އޮޅުވެއްޔަށް އަރާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އިތުރަށް ފުލުހުން ބުނީ ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންކަމަށެވެ.

މި ހާދިސާގައި ޖުމްލަ 12 މީހުން ސަލާމަތްކުރެވުނު އިރު ފުލުހުން ބުނީ އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި މި ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.