ލަލީގާގެ ތާވަލުގެ ކުރީގައި އޮތް ބާސެލޯނާއިން ޗެމްޕިއަންސް ލީގުގައި މިރޭ ނުކުންނާނީ، އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުންވި ބައްޔަށްފަހު، އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ސެމީފައިނަލަށް ދިއުމުގެ އުންމީދުގައެވެ.
ފުރަތަމަ ލެގުގެ ފޯރިގަދަ ކުރިމަތިލުމުގައި ހޫލިއަން އަލްވަރޭޒް އަދި އެލެގްޒެންޑަރ ސޯލޮތު ޖެހި ގޯލުތަކާއެކު އެތުލެޓިކޯއިން ވަނީ 2-0 ގެ މުހިންމު މޮޅެއް ހޯދާފައެވެ.
އެމެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން ރަނގަޅަށް ކުޅެމުން ދަނިކޮށް، އެތުލެޓިކޯގެ ޖޫލިއާނޯ ސިމިއޯނީއަށް ކުރި ފައުލެއްކަމަށް ކަނޑައަޅައި ބާސެލޯނާގެ ޕައު ކުބާސީއަށް ރެފްރީވަނީ ރަތް ކާޑު ދައްކާފައެވެ. މިރަތްކާޑު ދައްކައި އެތުލެޓީކޯއަށް ރެފްރީ ދެއްވި ހިލޭ ޖެހުމަކުން އަލްވަރޭޒް އެތުލެޓިކޯގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިންއިރު، މެޗުގެ 70 ވަނަ މިނެޓުގައި ސޯލޮތު ވަނީ އެތުލެޓިކޯގެ ލީޑު ފުޅާކޮށްދީ، ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްދީފައެވެ.
ޑިއޭގޯ ސިމިއޯނީގެ ޓީމަށް އަދި މިހާތަނަށް ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެ ޓީމު ވަނީ 2014 އަދި 2016 ވަނަ އަހަރުގެ ފައިނަލަށް ދަތުރުކޮށްފައެވެ. ނަމަވެސް ދެ ފަހަރުވެސް ބަލިވީ އަވަށްޓެރި ރެއާލް މެޑްރިޑް އަތުންނެވެ.
ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި މިހާތަނަށް ބާސެލޯނާއާއި އެތުލެޓިކޯމެޑްރިކް ދެ ފަހަރަކު ބައްދަލުކޮށްފައިވެއެވެ. އެއީ 2014 އަދި 2016 ވަނަ އަހަރުގެ ކުއާޓާ ފައިނަލުގައެވެ. މި ދެ ފަހަރުވެސް ކުރިލިބި، ސެމީ ފައިނަލަށް ދަތުރުކުރީ އެތުލެޓިކޯއެވެ.
މިމެޗްގައި އެތުލެޓިކޯގެ ޓީމުގެ މާކް ޕުބިލް ހުރީ ސަސްޕެންޝަނުގައެވެ. އަދި އަނިޔާގެ ސަބަބުން ހޯސޭ ގިމެނޭޒް، ޕަބްލޯ ބަރިއޯސް އަދި ޑޭވިޑް ހަންކޯ ކުޅުމާ މެދު ވަނީ ޝައްކު އުފެދިފައެވެ.
މިމެޗްގައި ފުރަތަމަ ލެގުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ބާސެލޯނާގެ ކުބާސީ ހުރީ ސަސްޕެންޝަނުގައެވެ. އޭނާގެ ބަދަލުގައި މިރޭ ފެންނާނީ ރޮނަލްޑް އަރައުހޯއެވެ. މާކް ބާނަލް، ރަފީނިއާ އަދި އެންޑްރިއަސް ކްރިސްޓެންސަން ތިބީ އަނިޔާގައެވެ.
މިރޭގެ މެޗާއި ގުޅޭގޮތުން ޑިއޭގޯ ސިމިއޯނީގެ ބަސް :
“އަހަރެމެން މި ބައްދަލުކުރަނީ ކިހާ ވަރުގަދަ ޓީމަކާކަން އެނގޭ. އެމީހުންގެ ވަރުގަދަކަން އަހަރެމެން ގަބޫލުކުރަން. އެކަމަކު އަހަރެމެންގެ އަމާޒަކީ ކުރިއަށް ދިއުން.”
މިރޭގެ މެޗާއި ގުޅޭގޮތުން ހަންސީ ފްލިކްގެ ބަސް :
“އަހަރެމެންގެ ކިބައިގައި ފެންވަރު އެބަހުރި. ނަތީޖާ ބަދަލުކޮށްލެވޭނެ ފަދަ ކުޅުންތެރިން އެބަތިބި. އެކަމަކު އަހަރެމެން ޖެހޭނީ ރަގަޅު ކުޅުމެއް ކުޅެން . އަހަރެމެންގެ ފޯކަސް ހުންނަންވާނީ ކާމިޔާބީއަށް.”