English Edition
Dhivehi Edition
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުالله މުއްތަލިބު

ހުޅުމާލޭގައި އަޅާ އަގުހެޔޮ 1،000 ޔުނިޓު ދިނުމުގައި އިސްކަން ދޭނީ އަލަށް ގެދޮރުވެރިވާން ބޭނުންވާ އާއިލާތަކަށް ކަމަށް މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

“ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީން އިއުލާންކޮށްފައިވާ އިރު މިނިސްޓަރު މުއްތަލިބު ވިދާޅުވީ މި ފްލެޓްތައް އިންވެސްޓްމަންޓެއް ކުރުމުގެ ބޭނުމަށް ރިއަލް އެސްޓޭޓް ގަންނަ ފަރާތްތަކަށް ދިނުމުގެ ބަދަލުގައި އިސްކަން ދޭނީ އަލަށް ގެދޮރުވެރިވާން ބޭނުންވާ އާއިލާތަކަށް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ދެ އުސޫލެއްގެ މައްޗަށް ކަމަށެވެ. އެއީ ލޯނު ނަގައިގެން އިޖުތިމާއީ ބޯހިޔާވަހިކަން ތަރައްގީކުރުމާއި، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ހިންގާ ރިއަލް އެސްޓޭޓް މަޝްރޫއުތަކުގެ ތެރެއިން، ވަކި އިންސައްތައެއްގެ ޔުނިޓުތައް ކޮންޓްރޯލް ކުރެވިފައިވާ އަގުތަކެއްގައި ވިއްކުން ކަމަށެވެ.

ރިއަލް އެސްޓޭޓް އުސޫލުން ހިންގި މަޝްރޫއުތަކުގައި އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ޚާއްސަ އިސްކަމެއް ދެވިފައި ނުވާކަން ފާހަގަކޮށް މުއްތަލިބު ވިދާޅުވީ ކޮންޓްރޯލް އަގުގައި ވިއްކި އެޕާޓްމަންޓްތަކުގެ ބޮޑު ބައެއް ގަނެފައި ވަނީ އާމްދަނީ ހޯދުމަށް ކުރާ އިންވެސްޓްމަންޓެއް ނުވަތަ މިލްކިއްޔާތެއްގެ ގޮތުގައި ބަލާ ފަރާތްތަކުން ކަމަށެވެ. އަދި މިގޮތަށް ގަންނަ ތަންތަން ގިނައިން ބޭނުންކުރެވެނީ ކުއްޔަށް ދީގެން ނަފާ ހޯދުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިތުރަށް މުއްތަލިބު ވިދާޅުވީ އެކަމަށް ހައްލެއްގެ ގޮތުން މި ސަރުކާރުގެ “ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން” ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، އިސްކަން ދޭނީ އަލަށް ގެދޮރު މިލްކުކުރާ ފަރާތްތަކަށް ކަމަށެވެ.