English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އިޖުތިމާއީ އަދާލަތަކީ ހަމައެކަނި ވެވޭ ވަޢުދަކަށް ނުހަދައި، އެއީ ދުނިޔޭގެ ޙަޤީޤަތަކަށް ހެދުމަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އިޖުތިމާޢީ އަދާލަތުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ، އިޖުތިމާއީ އަދާލަތަކީ ހަމައެކަނި އުންމީދެއް ނޫން ކަމަށާއި، އެއީ ސުލްހަވެރި، ވިލުންތެރި، އަދި ހަމަހަމަ މުޖުތަމަޢުތައް ބައްޓަންކުރާނޭ މަގުދައްކާ އަސާސެއް ކަމަށެވެ. އަދި ޝާމިލުކަން ކަށަވަރުކުރުމަށް މުޖުތަމަޢުތައް ބާރުވެރިކުރުވައި، ތަފާތުތައް ކުޑަކުރުމަށް އާ ޢަޒުމެއްގައި މަސައްކަތްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޚާއްޞަ ޚިދުމަތްތައް ބޭނުންވާ ފަރާތްތަކަށް ފުރުސަތުތައް ފަހިކުރުމަށާއި، ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި ‘ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސް’ ގައި ރާއްޖެއިން ބައިވެރިވުމަކީ، ޤައުމީ ސިޔާސަތުތަކުގައި ބައިނަލްއަޤުވާމީ މިންގަނޑުތައް އެކުލަވާލުމަށް ލިބުނު ބޮޑު ބާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ، އޯގާތެރިކަމާއި ހިއްސާކުރާ ޒިންމާއަކީ އާރުކާޓީކަމުގައި ދެކިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފުރުސަތުތަކާއި ކަރާމާތް އަދި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިލްތިމާސްކުރައްވަމުންނެވެ. ދުނިޔޭގެ އިޖުތިމާޢީ އަދާލަތުގެ ދުވަހަކީ ކޮންމެ ފެބުރުވަރީ މަހެއްގެ 20 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހެކެވެ.