ދެކުނުގެ ސަރަހައްދުގައި ގާއިމުކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހެދުމަށް އަބޫދާބީ ފަންޑުން ދިނުމަށް ހަމަޖެހިފައިވާ ލޯން އެހީގެ ފައިސާގެ ބޮޑު ބައެއް ލިބިއްޖެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.
އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީއާއި ހުވަދު އަތޮޅު ހިމެނޭ ދެކުނު ސަރަޙައްދުގައި ގާއިމު ކުރާ މި ސެންޓަރު ހެދުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީގެ ހިތަދޫގައެވެ.
އަބޫދާބީ ފަންޑުން ލިބިފައިވާ މި ލޯނުގެ އެހީ ބޭނުންކުރާނީ ކުނި ނައްތާލާ އިންސެނެރޭޓަރ ހޯދުމާއި، އިންސެނެރޭޓަރު ރާއްޖެ ގެނެސް އައްޑޫސިޓީ ހިތަދޫގައި، އިންސްޓޯލް ކުރުމަށްކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހިތަދޫގައި ގާއިމުކުރާ ސެންޓަރާއެކު ގއ. އާއި ގދ.އާއި ފުވައްމުލަކާއި އައްޑޫސިޓީގައި އުފެދޭ ކުނި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޖަމާކޮށް ތިމާވެއްޓާ ރަޙްމަތްތެރި ގޮތުގައި ނައްތާލެވޭ ގޮތަށް މި މަޝްރޫއުވަނީ ފަރުމާކޮށްފައެވެ.
މިނިސްޓްރީން ބުނެފައިވަނީ މިހާރު މަޝްރޫޢުގެ ޑިޒައިން މަސައްކަތް ނިންމައި ކުނި ނައްތާލާ މެޝިން ނުވަތަ އިންސެނެރޭޓަރ ހޯދުމަށް ބިޑަށް ހުޅުވާލައިފައިވާ ކަމަށެވެ. ބިޑް މަރުހަލާ ނިންމައި ކުރިއަށް އޮތް ތިން މަސްދުވަހުގެތެރޭ އެމަސައްކަތް ބަޔަކާ ހަވާލުކުރާއިރު، ހަމަ މިއަހަރުގެ ތެރޭގައި އިންސެނެރޭޓަރ އިންސްޓޯލްކުރުމަށް ނިންމާފައިވާ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ބުނެއެވެ.
މި އިންސެނެރޭޓަރަކީ ދުވާލަކު 40 ޓަނުގެ ކުނި އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ މެޝިނެކެވެ. މިއާއެކު މެޝިނުން އުފައްދާ ހޫނު ބޭނުންކޮށްގެން 1.5 މެގަވޯޓް ކަރަންޓް އުފައްދާ ނިޒާމެއްވެސްޤާއިމްކުރެވޭނެއެވެ.
އިންސެނޭޓަރު ރާއްޖެ ގެނައުމުގެ ކުރިން މިހާރު އެންމެ އިސްކަމެއް ދީފައިވަނީ ދެކުނުގެ ހުރިހާ ރަށެއްގައި ރަށު ފެންވަރުގައި ކުނި ނައްތާލާ ނިޒާމްތައް ޤާއިމްކޮށް ކުނިގޮނޑުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.