މާލެ ސަރަހައްދުގެ ގޭބިސީތަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ރޭގެ ނިޔަލަށް ނިންމާލައިފިއެވެ. ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް ޖުމްލަ 53،308 މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ.
މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ފެށި މި މަސައްކަތް ނިމިފައިވީ ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަސްދަޅު ކޭހާ ހަވާލުނުވެވޭ ފަރާތްތަކަށް ފަސޭހަ އިންތިޒާމެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، އެ ފަރާތްތަކަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން މަސްދަޅު ކޭސް ލިބިވަޑައިގަންނަވާނެ ކަމަށާއި، މި ފުރުސަތު މުލަ ރޯދަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ރަމަޟާންމަހަށް ހަދިޔާކުރި މި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ސަރުކާރުގެ ކުންފުނިތަކާއި، ފުލުހުންނާއި ސިފައިން ގުޅިގެންނެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާތީ، މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ މިކަމުގައި ޝާމިލްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.