މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ހަނދުބެލުމުގެ ކަންކަން ކުރިއަށް އޮތް ފެބުރުއަރީ މަހުގެ 17 ވާ އަންގާރަ ދުވަހުގެ ހަވީރު ކުރިއަށްގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.
ޑީޖޭއޭއިން ހާމަކޮށްފައިވާ ގޮތުގައި ހަނދުބެލުމުގެ މަސައްކަތްތައް އެ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ކުރިއަށްދާނެއެވެ. މި ވަގުތުތަކުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ އިތުރުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
ހަނދު ފެނިގެން އެކަމުގެ ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތްތައްވެސް ޑީޖޭއޭއިން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން މާލޭގައިނަމަ ހެކިބަސް ދޭންޖެހޭނީ ކޯޓެއްގެ ގާޟީއެއްގެ ކުރިފުޅުމަތީގައެވެ. ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީ އެންމެ އަވަހަކަށް މާލޭގައިނަމަ ޑީޖޭއޭއަށް، އަދި ރަށްރަށުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމަށް ވަނީ އެދިފައެވެ. މެޖިސްޓްރޭޓަކު ނެތް ރަށްރަށުގައި ރަށު ކައުންސިލް އިދާރާއަށް ހާޒިރުވެ މައުލޫމާތު ހިއްސާކުރެވޭނެއެވެ.
މީގެ އިތުރުން، ހަނދާ ބެހޭގޮތުން ހެކިބަސް އަދާކުރުމަށްޓަކައި ހާޒިރުވާ ފަރާތްތަކަށް، އައުމާއި ދިއުމުގެ ހަރަދު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ. ޝަރުއީ ހަމަތަކުން ހަނދު ސާބިތުކުރުމުގެ ކަންކަން ކުރިއަށްދާނީ މި އުސޫލުގެ ތެރެއިންނެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވާ ބުދަ ދުވަހެވެ. ނަމަވެސް ރަސްމީކޮށް ރަމަޟާންމަސް ފެށޭ ދުވަސް ކަނޑައަޅާނީ އަންގާރަ ދުވަހުގެ ރޭ ބާއްވާ ހަނދުބެލުމުގެ ޖަލްސާއަށްފަހުގައެވެ.