English Edition
Dhivehi Edition

އީޖާދީ މަސައްކަތްތަކުގައި އަންހެން ކުދިންނަށް ކުރިއަށް ދިއުމުގައި ހުރި ހުރަސްތައް ނައްތާލާ، ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މިފަދަ މަސައްކަތްތަކުގައި ކުރިއަރާ ދިއުމުގެ އެންމެހާ މަގުތައް ކޮށައިދީ، އެކަމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ “އިންޓަރނޭޝަނަލް ޑޭ އޮފް ވުމަން އެންޑް ގަރލްސް އިން ސައިންސް” ނުވަތަ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައެވެ. ކޮންމެ އަހަރެއްގެވެސް ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ މި ދުވަހަކީ ސްޓެމްގެ ދާއިރާގައި އަންހެނުންނާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމަށް ބާރުއަޅާ، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

ރައީސް ވިދާޅުވީ މިފަދަ ދުވަހެއްގައި ފާހަގަކުރަންޖެހެނީ، ޢިލްމު ފެތުރުމާއި ސިއްޙީ ދާއިރާއާއި މޫސުމީ ބަދަލުތަކުން ވިލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތަކުގައާއި، ޓެކްނޮލޮޖީއާއި އީޖާދީ މަސައްކަތްތަކުގައި އަންހެނުން އަދާކުރަމުންދާ ބޮޑު ދަޢުރުކަމަށެވެ. އަދި ރާއްޖޭގައި މިފަދަ ދާއިރާތަކުން ތަޢުލީމާއި ތަމްރީނާއި އައު ފުރުޞަތުތައް ހޯދައިދިނުމަށް އެއްވެސް ތަފާތުކުރުމެއް ނެތި، އިތުރު މަގުތައް ތަނަވަސްކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ ދާއިރާކުން ކުރިއެރުމުގައި މިހާތަނަށް ކުރިމަތިވަމުން އައި ހުރަސްތައް ގިރާކޮށް، އަންހެނުންނާއި އަންހެން ކުދިންނަށް ސްޓެމްގެ ދާއިރާތަކުން ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވަމުން އަންނަ ފަރާތްތަކުގެ މަސައްކަތްވެސް ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިޖާދީ އުފެއްދުންތެރި ދާއިރާތަކުން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް އެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އަންހެން ކުދިންނަށް މިފަދަ ދާއިރާތަކުން ކުރިއަށް ދިއުމަށް ފުރުޞަތުތައް ފަހިކޮށްދިނުމަކީ ޤައުމުގެ ކުރިއެރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.