އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މީހުންނާ ދިމާއަށް “ލާދީނީ” ކިޔުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު އެދިވަޑައިގެންފިއެވެ.
އޭނާ މިކަމަށް އެދިވަޑައިގަތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިނގާދިޔަ ބަހުސެއްގެ ތެރެއިން ބައެއް މެންބަރުން އެމްޑީޕީ މެންބަރުންނަށް ނިސްބަތްކޮށް އެފަދައިން މުހާތަބު ކުރުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔައީ މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލަކަށް ހެދުމަށް މެންބަރު ކުޑޫ ހުށަހެޅުއްވި މައްސަލައިގެ ބަހުސެވެ. މި ބަހުސްގެ ތެރެއިން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވަނީ، އެމްޑީޕީން މި މައްސަލަ ހުށަހެޅި ނަމަވެސް ބަހުސް ކުރަން މަޖިލީހަށް ހާޒިރުވި އެ ޕާޓީގެ މެންބަރުން މަދުކަން ފާހަގަކުރައްވާފައެވެ.
ފަލާޙްގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީ މެންބަރުން ނުރުހުން ފާޅުކުރަން ފެށުމުން، މަޖިލީހުގައި ތިއްބެވި ޕީއެންސީގެ ބައެއް މެންބަރުން ވަނީ އެމްޑީޕީއަށް ނިސްބަތްކޮށް “ލާދީނީ” އޭ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން މެންބަރު ކުޑޫ ވަނީ އެކަކު އަނެކަކަށް އެފަދައިން ގޮވުން ހުއްޓުވައިދިނުމަށް ރިޔާސަތުގައި އެދިވަޑައިގެންފައެވެ.
މެންބަރު ކުޑޫ ވިދާޅުވީ، އެކަކު އަނެކަކަށް ލާދީނީއޭ ގޮވުމަކީ ދީނުން ބޭރުވާ ފަދަ ނުރައްކާތެރި ވާހަކައެއް ކަމަށެވެ.
‘އެކަކު އަނެކަކަށް މި ގޮވާ ލާދީނީ، މއީ އަނގަ ހައްދު ޖަހަންޖެހޭވަރުގެ، ދީނުން ބޭރުވާ ވަރުގެ ވާހަކަ، އެކަކު އަނެކަކާ ދިމާއަށް ގޮވުން ހުއްޓުވަން ޖެހޭ. އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރު ކުޑޫ ވިދާޅުވި އެވެ.
މީގެ އިތުރުން، އެފަދައިން މެންބަރުންނާ ދިމާއަށް ކިޔުމުގެ ސަބަބުން ކުރިމަތިވެދާނެ އެއްވެސް ނުރައްކަލެއްގެ ޒިންމާ އެ ވާހަކަ ދައްކަވާ މެންބަރުން އުފުލަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުޑޫގެ ޝަކުވާއާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، އެކަން ހުއްޓުވަން ބޭނުންވާނަމަ “ލާދީނީ” ކިޔުން މަނާކުރާ ބިލެއް މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ބިލެއް ހުށަހަޅައި ގާނޫނީ ގޮތުން އެކަން މަނާ ނުކުރާހާ ހިނދަކު، މަޖިލީހުގެ ތަޅުމުގައި އެފަދަ ވާހަކަތައް ދެއްކުން ނުހުއްޓުވޭނެ ކަމަށް ރައީސް އަބްދުއްރަހީމް ވިދާޅުވިއެވެ.