ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދަށް ބަދަލުވުމާ ގުޅޭގޮތުން މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިސްރުގެ މި ކުޅުންތެރިޔާއަކީ ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން އެ ގައުމުގެ ލީގަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަން ފެށީއްސުރެ ހޯދުމަށް މަސައްކަތް ކުރަމުންދާ މުހިންމު ކުޅުންތެރިއެކެވެ.
މިދިޔަ ސީޒަނުގައި ލިވަޕޫލުން ޕްރިމިއާ ލީގު ކާމިޔާބު ކުރިއިރު ސަލާހް ވަނީ 29 ގޯލު ޖަހައި 18 އެސިސްޓް ހަދާފައެވެ. ނަމަވެސް، މިދިޔަ އޭޕްރީލް މަހު އާ އެއްބަސްވުމެއްގައި ސޮއިކުރި ފަހުން މި ސީޒަނުގައި އޭނާގެ ފޯމު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިހާތަނަށް އޭނާއަށް ލީގުގައި ޖެހިފައިވަނީ އެންމެ ހަތަރު ގޯލެވެ.
ފުޓް މާކާޓޯއިން ރިޕޯޓްކުރާ ގޮތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ސަލާހް ސައުދީއަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ. އުމުރުން 33 އަހަރުގެ ސަލާހް މިހާރު ހުރީ މެދުއިރުމައްޗަށް ބަދަލުވުމަށް ޝައުގުވެރިވެފައި ކަމަށް ބެލެވެ އެވެ.
ސަލާހުއަށް ފާރަލަމުން އަންނަ ސައުދީ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަލް އިއްތިހާދަށް މި ސީޒަނުގައި ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެ ޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ. މީގެ އިތުރުން ޖެނުއަރީ މަހު އެ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކަރީމް ބެންޒެމާ އާއި އެންގޯލޯ ކާންޓޭ ވަނީ ޓީމު ދޫކޮށް ގޮސްފައެވެ.
ބެންޒެމާ އަލް ހިލާލަށް ބަދަލުވިއިރު، ކާންޓޭ ވަނީ ތުރުކީގެ ފެނަބާޗޭއަށް ބަދަލުވެފައެވެ. އެހެންކަމުން، ބެންޒެމާގެ ބަދަލުގައި ގެންނާނެ އެންމެ ރަނގަޅު ކުޅުންތެރިއަކީ ސަލާހް ކަމަށް އެ ކްލަބުން ވަނީ ކަނޑައަޅާފައެވެ.
މި ސީޒަނުގެ ކުރީކޮޅު ސަލާހްގެ ފޯމު ދަށްވުމުގެ ސަބަބުން ކޯޗު އާނޭ ސްލޮޓް ވަނީ އޭނާ ބެންޗަށް ބަދަލުކޮށްފައެވެ. މިކަމާ ގުޅިގެން ޑިސެމްބަރު މަހު ސަލާހް ވަނީ ކޯޗާ މެދު ނުރުހުން ފާޅުކޮށް، އޭނާއާ މެދު އިންސާފުން ބޭރުން ކަންތައް ކުރަމުންދާ ކަމަށް ބުނެފައެވެ. ނަމަވެސް، އެފްރިކާ ކަޕް އޮފް ނޭޝަންސް ނިންމާލުމަށްފަހު އެނބުރި އައިސް ކުޅުނު ފަސް މެޗުގައިވެސް އޭނާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިފައެވެ.
ސަލާހް ސައުދީ ލީގަށް ބަދަލުވެއްޖެނަމަ، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސާޑިއޯ މާނޭ ފަދަ ތަރިން އެ ލީގުގައި ތިބި ނަމަވެސް، އޭނާ ވެގެންދާނީ އެ ލީގުގެ އެންމެ ބޮޑު ތަރިއަށެވެ. މި ޓްރާންސްފާ ފުރިހަމަވެއްޖެނަމަ މިއީ ސައުދީ ފުޓްބޯޅައަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.