English Edition
Dhivehi Edition
ހޯމް މިނިސްޓަރު އަލީ އިހުސާން

މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނެސް، އަމިއްލަ ފަރާތްތަކަށް (ޕްރައިވެޓް ސެކްޓަރަށް) އެ ޚިދުމަތް ދިނުމުގެ ފުރުސަތު މިއަހަރުގެ ތެރޭގައި ހުޅުވާލައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ފައިސާ ދައްކައިގެން ނަމަވެސް އެންމެ މަތީ ފެންވަރުގެ “ކޮލިޓީ” ފަރުވާ ހޯދަން ބޭނުންވާ ފަރާތްތައް އެބަތިބި ކަމަށެވެ. ނަމަވެސް، ސަރުކާރުގެ މިހާރުގެ އިންފްރާސްޓްރަކްޗަރ ހުރި ގޮތުން އެ ފެންވަރުގެ ޚިދުމަތް ދައުލަތަށް އަދި ފޯރުކޮށްނުދެވޭކަން ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އަމިއްލަ ކުންފުނިތަކަށާއި ބޭރުގެ ފަރާތްތަކަށް ވެސް ރާއްޖެ އައިސް މި ޚިދުމަތް ދިނުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލެއިން އެންޑީއޭއަށް ލިބިފައިވާ ބިމުގެ މަސައްކަތާއި، “ގްރީން” ގެ ތަރައްގީގެ މަސައްކަތް ވެސް މި އަހަރު ފެށިގެންދާނެއެވެ.

ސަރުކާރުގެ އަމާޒަކީ ދީނީ ފަރުވާ ވެސް ހިމެނޭހެން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފުރިހަމަ ރިހެބިލިޓޭޝަން ދީ، މުޖުތަމައަށް ނެރުމެވެ. ހަމައެއާއެކު، ގާނޫނީ ގޮތުން ވެސް ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅާފައެވެ. އޭގެ ތެރޭގައި ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާއި، ޑްރަގް މައްސަލަތަކުގައި ޖަލަށްލާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާގެ މައާފު ނުދެއްވުން ހިމެނެއެވެ.