English Edition
Dhivehi Edition
ގފަތުރުވެރިންތަކެއް އެމީހުންގެ ލަގެޖުތައް ހިފައިގެން ދަތީ
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ބިދޭސީންނާއި ޓޫރިސްޓުން ނިވާކަން ކުޑަ ފޭރާމުގައި އުޅޭ މައްސަލަ ހައްލުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ޝެއިޚް ޒަމްޒަމް ފާރިޝް އިސްވެ ހުންނަވައި ހުށަހެޅި މި ޕެޓިޝަނަކީ ރަށްރަށުގެ އާންމު ތަންތަނުގައި ބިކިނީ ފަދަ ތަކެތީގައި ޓޫރިސްޓުން އުޅޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނެކެވެ.

މި ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އާންމު ތަންތަނުގައި ނިވައިކަން ކުޑަ ފޭރާމުގައި ބިދޭސީން އުޅުމުގެ ސަބަބުން އިސްލާމީ ރިވެތި އަޚްލާޤާއި، ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މުއްސަނދި ސަޤާފަތާއި އާދަކާދަތައް ނެތިދިއުމުގެ ބިރު އެބައޮތެވެ. މިއީ ގިނަ އަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެއްކަން ވެސް ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހި ޅަދަރިންނަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށާއި، ކުޑަކުދިން އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ބޮޑުކުރުމަށް މިއީ ބޮޑު ހުރަހެއް ކަމަށް ވެސް ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މިކަމަށް ގާނޫނީ ހައްލެއް ބޭނުންވާ ކަމަށް ޕެޓިޝަން ހުށަހެޅި ފަރާތްތަކުން ބުނެއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޕެޓިޝަނުގައި މައިގަނޑު ތިން ކަމަކަށް ވަނީ އެދިފައެވެ. އެ ތިން ކަންތަކަކީ؛

  • މައްސަލަ ހައްލު ކުރުމަށް މިހާރު ހުރި ގަވާއިދުތައް ތަންފީޒު ކުރުން މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރުން.
  • ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އަމަލު ކުރާނެ ގޮތުގެ އާ ގާނޫނުތަކެއް އެކަށައެޅުން.
  • އާންމު ތަންތަނުގައި ނިވައިކަން ކުޑަ ފޭރާމުގައި އުޅޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމު ކުރުން.

ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ އިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓުން ނިވާކަން ކުޑަކޮށް އުޅޭ މައްސަލައިގައި މީގެ ކުރިން ވެސް އާންމުންގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން އެކި ދުވަސްވަރު އުސޫލުތައް އެކުލަވާލާފައިވީ ނަމަވެސް، އެކަންކަން އެންމެ އެދެވޭ ގޮތެއްގައި ތަންފީޒު ނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

މި ޕެޓިޝަނަކީ އާންމު ރައްޔިތުންނަށް ވެސް ސޮއިކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕެޓިޝަންގެ ސަބަބުން ރަށްރަށުގެ އިޖުތިމާއީ މިންގަނޑުތައް ހިފެހެއްޓުމަށް ބާރަކަށް ވާނެ ކަމަށް ބެލެވެއެވެ.