ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ އެތެރޭގެ ދަރަނި ހީނުކުރާހާ ބާރުމިނެއްގައި އިތުރުވެ، ދެގުނައަށް މައްޗަށް ޖެހިއްޖެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރު 44.6 ބިލިއަން ރުފިޔާގައި ހުރި އެތެރޭގެ ދަރަނި، 2025 ވަނަ އަހަރު ނިމުނުއިރު ވަނީ 90.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 117 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
މި ރިޕޯޓުން ހާމަވާ ގޮތުގައި ދައުލަތުން އެތެރޭގެ ދަރަނި ނެގުން އެންމެ ބޮޑަށް އިތުރުކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. އެ އަހަރު އެކަނިވެސް ދަރަނި ވަނީ 20 ޕަސެންޓަށް އިތުރުވެފައެވެ. ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ވަނީ ޓީ-ބިލާއި އިސްލާމިކް އިންސްޓްރޫމަންޓްސް ވިއްކުން އިންތިހާއަށް އިތުރުކޮށްފައެވެ.
މި ފައިސާގެ ބޮޑު ބައެއް ހޯދާފައިވަނީ ރާއްޖޭގެ ވިޔަފާރި ބޭންކުތަކާއި، ޕެންޝަން ފަންޑު ފަދަ މާލީ އިދާރާތަކުންނެވެ. ބޭންކުތަކުން 27.3 ބިލިއަން ރުފިޔާ ނަގާފައިވާއިރު، ޕެންޝަން ފަންޑާއި އިންޝުއަރެންސް ކުންފުނިތަކުން ވަނީ 22.4 ބިލިއަން ރުފިޔާ ދަރަންޏަށް ނަގާފައެވެ.