އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިމުކުރި އައިނު ފިހާރަ ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ.
މިއަދު ހަވީރު އޭއީއެޗްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފިހާރަ ރަސްމީކޮށް ހުޅުއްވައިދެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމެވެ.
މި ފިހާރައަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހުޅުވި ތިންވަނަ އައިނު ފިހާރައެވެ. އަދި މިއީ މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި ސަރުކާރުން މިފަދަ ފިހާރައެއް ހުޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
އޭއީއެޗްގައި މި ފިހާރަ ގާއިމުކޮށްފައިވަނީ ހޮސްޕިޓަލަށް ވަންނަ މައި ދޮރާވީ ފަޅިން، ހޮސްޕިޓަލުގެ ބޭރުން ފަސޭހަކަމާއެކު އާންމުންނަށް ވަދެވޭނެހެންނެވެ.
ސަރުކާރުން އާންމުންނަށް ހެޔޮ އަގުގައި އައިނު ފޯރުކޮށްދިނުމުގެ މަގްސަދުގައި ހުޅުވަމުންދާ މި ސިލްސިލާގެ ފުރަތަމަ ފިހާރަ ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު އައިޖީއެމްއެޗްގައެވެ. އޭގެ ފަހުން އޮގަސްޓް މަހުގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް ވަނީ އައިނު ފިހާރައެއް ހުޅުވާފައެވެ.