English Edition
Dhivehi Edition
ރައީސް މުއިއްޒު އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސްއާއެކު

ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ މިލްކުވެރިކަން ހޯދުމަށް ދިވެހި ސަރުކާރުން ވަރުގަދަ މަސައްކަތްތަކެއް ފަށާފައިވަނިކޮށް، އެ ސަރަހައްދުގެ މައްސަލައަކީ ރާއްޖެއާ ގުޅުން ހުރި ކަމެއް ނޫން ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

ތުރުކީގެ އަނަދޮލޫ ނޫސް އޭޖެންސީން އިނގިރޭސިވިލާތުގެ ފޮރިން އޮފީހާ މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ދީފައިވާ ޖަވާބުގައި ބުނެފައިވަނީ، ޗާގޯސްގެ މިލްކުވެރިކަމާއި ސިޔާދަތާ ގުޅޭ ގޮތުން ސުވާލު އުފެދިފައިވަނީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުގައި ކަމަށެވެ. އަދި ބައިނަލްއަގުވާމީ ކޯޓުތަކާއި އިދާރާތަކުގެ ނިންމުންތަކުން މިކަން ވަރަށް ސާފުވާން އޮތް ކަމަށްވެސް އިނގިރޭސި ސަރުކާރުން ވަނީ ބުނެފައެވެ.

މިކަން މިހެން ހާމަވެފައިމިވަނީ، ރާއްޖެއަށް ޗާގޯސް ލިބިއްޖެނަމަ، ޑިއޭގޯ ގާސިއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒު ހިންގުމަށް އެއްބަސްވުމެއް ހެދިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ވަނީ އިނގިރޭސިވިލާތާއި އެމެރިކާގެ ނޫސްތަކަށް ދެއްވި އިންޓަވިއުތަކުގައި ޗާގޯސް ލިބުން އެންމެ ހައްގީ ރާއްޖެއަށް ކަމަށް ވިދާޅުވެ ވަކާލާތު ކުރައްވާފައެވެ.

ނަމަވެސް އިނގިރޭސި ފޮރިން އޮފީހުން ބުނާ ގޮތުގައި، މޮރިޝަސްއާއެކު އެ ގައުމުން މިހާރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ޑިއޭގޯ ގާސިއާގެ މަރުކަޒު އެތައް ޖީލަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެއެވެ. އަދި 99 އަހަރަށް އެ ރަށް އެމެރިކާއަށް ކުއްޔަށް ދިނުމަށް ނިންމާފައިވާ ނިންމުމަކީ އިނގިރޭސިވިލާތުގެ ދިފާއީ މަސްލަހަތަށްވެސް ފައިދާހުރި ގޮތް ކަމަށް އެ ފަރާތުން ދެކެއެވެ.

ދާދި ފަހުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވަނީ، ޗާގޯސް މޮރިޝަސްއަށް ދިނުމަށް އިނގިރޭސިން ނިންމި ނިންމުމަށް ރާއްޖޭން އިޢުތިރާޒުކުރާކަން ހާމަކުރައްވާފައެވެ. އަދި މިދިޔަ ޖެނުއަރީ މަހާއި 2024 ވަނަ އަހަރުގެ ތެރޭގައި ލިޔުމުން އެކަން އިނގިރޭސި ސަރުކާރަށް އަންގާފައިވާނެ ކަމަށާއި، އިނގިރޭސި ޑެޕިޔުޓީ ޕްރައިމް މިނިސްޓަރު ޑޭވިޑް ލެމީއާ ވެސް އެ ވާހަކަ ދައްކަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ގަބޫލުކުރާ ގޮތުގައި ނިމިދިޔަ ސަރުކާރުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުވާލާފައެވެ. އެހެންކަމުން ގާނޫނުގައިވާ ގޮތުގެ މަތިން 200 ނޯޓިކަލް މޭލުގެ ސަރަހައްދު ހޯދުމަށާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.