English Edition
Dhivehi Edition
މާލެ ސަރަހައްދުގައި ރޯދަ މަހަށް މަސްދަޅު ކޭސްތައް ބަހަން ފެށުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އަންނަ ރަމަޟާން މަހަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް ފޮނުވައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ދެއްވައިފިއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި ބަހަން ރޭ ވަނީ ފަށާފައެވެ. މި މަސައްކަތް ކުރިއަށްދާ މަރުކަޒުތަކަށް ޒިޔާރަތްކުރައްވައި އިންތިޒާމުތައް ބައްލަވާލެއްވުމަށްފަހު، މިނިސްޓަރު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަތޮޅުތަކަށް ކޭސްތައް ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް ކޭސްތައް ފޮނުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަށްރަށާއި ސިޓީތަކަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ ޒިންމާ ނަގަނީ އެސްޓީއޯއިންނެވެ. ނަމަވެސް މާލެ ފިޔަވައި އެހެން ރަށްރަށުގައި ގޭބިސީތަކަށް މި ހަދިޔާ ބެހުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ފަހަރުގެ ރޯދަ ހަދިޔާ ޖުމްލަ 118,673 ގޭބިސީއަކަށް ލިބޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރޭގެ 56,918 ގޭބިސީއާއި، ގްރޭޓަރ މާލެ ސަރަހައްދުގެ 61,755 ގޭބިސީއެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. މިކަމަށްޓަކައި މާލެ ސަރަހައްދުގައި 15 މަރުކަޒެއް ގާއިމުކޮށްފައިވާއިރު، ޕޮލިސް ޕޯޓަލް މެދުވެރިކޮށް ކިއު ނަންބަރު ނެގޭނެއެވެ. މަސްދަޅު ބެހުމުގެ މަސައްކަތް ފެބްރުއަރީ 11 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.