English Edition
Dhivehi Edition
ވެލިދޫގައި ސީ ޕްލޭންގެ ހިދުމަތް ރަސްމީކޮށް ފެށުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ނ. ވެލިދޫގައި ސީޕްލޭންގެ ޚިދުމަތް ރަސްމީކޮށް ފަށައި، އެ ރަށުގެ ފަތުރުވެރިކަމަށް އާ ދިރުމެއް ގެނެސްދީފިއެވެ. މި ތާރީހީ ދަތުރު ފެށުމާއެކު، ވެލިދޫ ވެގެން ގޮސްފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ސީޕްލޭންގެ ޚިދުމަތް ރަސްމީކޮށް ފެށި ތިންވަނަ ރަށަށެވެ.

މި ޚިދުމަތް ފެށުމަށްޓަކައި މިއަދު ވެލިދޫގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީން އާއި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރުން ވަނީ މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނުވާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރައީސް ޑރ. މުޢިއްޒު މިކަން އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު ވެލިދޫއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. އޭރު އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޚިދުމަތް ފައްޓަވައިދެއްވާނެ ކަމަށެވެ. މިއަދު ފެށިގެން ދިޔަ ދަތުރުތަކާއެކު އެ ވައުދުފުޅު ފުރިހަމައަށް ފުއްދިފައިވާއިރު، މިކަމުގެ ސަބަބުން ވެލިދޫގެ ގެސްޓްހައުސް ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ފަތުރުވެރިންނަށް ސީދާ ވެލިދޫއަށް ދަތުރުކުރެވޭނެ މަގު ފަހިވުމަކީ ރަށުގެ އިޤްތިޞާދަށް ލިބޭނެ ބޮޑު ނަފާއެކެވެ.

މޯލްޑިވިއަން އިން ހާމަކުރާ ގޮތުގައި މި ދަތުރުތައް ހަފްތާއަކު ދެ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހިންނަށް ޚާއްޞަ ހެޔޮ އަގެއްގައި ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ އާންމު ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. މިއީ “މުޅި ރާއްޖެ ގުޅާލުމުގެ މަޝްރޫއު” ގެ ދަށުން ސަރުކާރުން އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެކެވެ.

ޓެގު