ސަރުކާރުން އަލަށް ހުޅުވާލި ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓްތައް، މި ރިޔާސީ ދައުރު ނިމުމުގެ ކުރިން ހައްގުވެރިންނާ ހަވާލުކުރައްވާނެކަމަށް, ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުންނެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ވޭތުވެދިޔަ 8 އަހަރު ދުވަހުގެ ތެރޭގައި، ސަރުކާރަކުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއެއް އެ ސަރުކާރެއްގެ ދައުރު ނިމުމުގެ ކުރިން ނިންމައި ރައްޔިތުންނާ ހަވާލުކުރެވިފައެއް ނުވެއެވެ. ނަމަވެސް މި ސަރުކާރުގެ އަމާޒަކީ އެކަން ބަދަލުކޮށް، ސަރުކާރުގެ އާ ސިޔާސަތުތަކާ އެކު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
“ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، ގްރޭޓާ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން މާލެ ސަރަހައްދުން 7،900 ފްލެޓް ދޫކުރުމަށް ވެސް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މި ތަންތަނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ވަނީ ހުޅުވާލާފައެވެ.
މި ސްކީމަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ “ހިޔާވެހި ޕޯޓަލް” ހުޅުވާލިތާ ދެ ދުވަސް ތެރޭގައި 677 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. އޭގެ ތެރޭގައި ގޯއްޗަށް އެދި ހުށަހެޅި 221 މީހުންނާއި ފްލެޓަށް އެދި ހުށަހެޅި 416 މީހުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ފުރުސަތުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 2026 ވަނަ އަހަރުގެ މާޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 2026 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 17 ވަނަ ދުވަހެވެ.