އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ ދުރު ފެންނަ މިންވަރު 5 ކިލޯމީޓަރަށް ވުރެ ދަށްވެއްޖެނަމަ، އާންމުކޮށް އަމަލުކުރާ “ވިޝުއަލް ފްލައިޓް ރޫލްސް” (ވީއެފްއާރު) އުސޫލު ވަގުތީ ގޮތުން މަޑުޖައްސާލާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ދަތުރުތައް ކުރިއަށް ގެންދާނީ “ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް” (އެސްވީއެފްއާރު) ގެ ދަށުން، އިތުރު އެހީތެރިކަން ފޯރުކޮށްދީގެން ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއީ ހަމައެކަނި މިހާރު އަމަލުކުރަން ފެށި އުސޫލެއް ނޫން ކަމަށާއި، މިއީ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ގަވާއިދުތަކާ އެއްގޮތަށް މީގެ ކުރިން ވެސް އަމަލުކުރަމުން އަންނަ މިންގަނޑެއްކަން އެމްއޭސީއެލްއިން ފާހަގަކުރި އެވެ. މި ދުވަސްވަރު ރާއްޖޭގެ ޖައްވު ނުސާފުވުމުގެ ސަބަބުން ބައެއް ވަގުތުތަކުގައި މި ހާއްސަ އުސޫލު ބޭނުންކުރަން ޖެހޭ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މި ދުވަސްވަރު ރާއްޖޭގެ ޖައްވު ވަރަށް ބޮޑަށް ނުސާފުވެފައިވާއިރު، އައިކުއޭ އެއާގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ފާއިތުވި މަހެއްހާ ދުވަހު މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރާ ގާތުގަ އެވެ. އެގޮތުން ވައިގެ ކޮލިޓީ އިންޑެކްސް ބައެއް ދުވަސްތަކުގައި 172 އަށް އަރާފައިވާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.
މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާގައި ވެސް ރާއްޖޭގެ ވައި ނުސާފުވާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން އެމްއޭސީއެލްއިން ވަނީ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ދަތުރުތައްކުރާ އެއާލައިންތަކާއި ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އެންމެ މަތީ ފެންވަރުގައި ހިދުމަތް ދިނުމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ.