English Edition
Dhivehi Edition
ރައީސް މުއިއްޒު
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހިންގުމަށް ހުޅުވި އާ އޮފީހަކީ އެންމެ ފުރިހަމަ ގޮތުގައި ސިޔާސީ ހަރަކާތްތައް ހިންގުމަށް ލިބުނު ވަރަށް މުހިންމު ވަސީލަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި އޮފީސް ހުޅުއްވައިދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޑިމޮކްރެސީގެ ރިވެތި އުސޫލުތަކާ އެއްގޮތަށް ޕާޓީއެއް ހިންގުމަށް އެކަށީގެންވާ ޖާގައާއި ވަސީލަތްތައް ހުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އަލަށް ހުޅުވި މި އިމާރާތް ފަރުމާކޮށްފައި ވަނީ އެފަދަ މަސައްކަތްތަކަށް މަގުފަހިވާނެ ގޮތަށް ޒަމާނީ ފެންވަރަށެވެ.

މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ޖަގަހައެއްގެ ގޮތުގައި ބޭނުންކުރި އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެ ތަން މިހާރު ވަނީ ހަތަރު ފަންގިފިލާއަށް އުސްކޮށްފަ އެވެ. އާޓިފިޝަލް ބީޗު ސަރަހައްދަށް ވާގޮތަށް ހުރި މި އިމާރާތުގެ ބޭރުގައި، ޕާޓީގެ މައުލޫމާތުތައް އާންމުންނަށް ފެންނާނެހެން ބޮޑު ލެޑް ސްކްރީނެއް ވެސް ވަނީ ހަރުކޮށްފަ އެވެ.

މި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބައިވެރިވެވަޑައިގެންނެވި އެވެ. ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ މެންބަރުން ގިނަ ޕާޓީއެވެ. އެ ޕާޓީގައި 74،000 އަށް ވުރެ ގިނަ މެންބަރުން ރަޖިސްޓްރީވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.