English Edition
Dhivehi Edition
ފޮޓޯ: އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރަށް ބާރު ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ތިލަފުށީގައި ހަދާ ބަނދަރު، ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް)އަށް ވިއްކަން އުޅޭ ކަމަށް, ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް, މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

ބަނދަރު ވިއްކާލަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާއިރު ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ބަނދަރު ވިއްކާލާ ވާހަކަ ސަރުކާރުން ނުދެއްކި ނަމަވެސް އެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ. އެ މަނިކުފާނުގެ ވެރިކަމުގައި އަބޫދާބީގެ އިސް ބޭފުޅުންނާއި ސީދާ ޑިޕީ ވޯލްޑްގެ ބޭފުޅުން ވެސް އެ މަނިކުފާނުގެ އަރިހަށް އައިކަމަށް ޔާމީން ވިދާޅުވިއެވެ.

ރާއްޖެ މި އޮތް ސަރަހައްދާއި، މިހާރު މި ސަރަހައްދަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޯޓު ދަތުރުފަތުރަށް ރާއްޖޭގެ ބަނދަރު މުހިންމު ވާނެކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ ތިލަފުށީ ބަނދަރު ޑީޕީ ވޯލްޑަށް ދިނުމަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް 25 އަހަރަށް އިންޑިއާގެ ޖީއެމްއާރަށް ދިނުން ފަދަ ކަމެއް ކަމަށެވެ.