މިއަހަރު ވެގެންދާނީ ދިވެހި ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލުކުރައްވާނޭ އަހަރަކަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ ދިވެހީންނަކީ އެއް އަހަރަށްވުރެ ގިނަ ކުރިއެރުން އަނެއް އަހަރު ހާސިލުކުރެވޭތޯ މަސައްކަތްކުރާ، އަދި ތަމައްދުނާއި ތަރައްގީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް ވަރުގަދަކުރެވޭތޯ ކޮންމެ އަހަރަކުމެ ހިންމަތްކުރާ ބައެއްކަން، ތާރީހުން ސާބިތުކޮށްދޭ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ވަފާތެރި، ގާބިލު ދިވެހި ދަރީންތަކެއް ބިނާކޮށް، ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ނިކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުން ކަމަށެވެ.
އަންނަ އަހަރަކީ ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭ މުނާސަބާ ދިވެހީންނާ ބައްދަލުކުރާ އަހަރުކަން ފާހަގަކުރައްވާ ރައީސް ވަނީ އެއީ މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީހުކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކޮންމެ އާ އަހަރަކީވެސް ފަރުދީގޮތުންނާއި އިޖުތިމާއީ ގޮތުން ތިމާއަށް ގައުމަށްޓަކައި ކޮށްދެވޭނީ ކޮން ހިދުމަތްތަކެއްތޯ ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް އަޒުމު އާކުރުމުގެ ވަގުތު ކަމަށެވެ.