English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ކުޅުދުއްފުށި ސިޓީގައި ހިންގި މަސްތުވާތަކެއްޗާއި ބަނގުރަލުގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޑިސެމްބަރު 31 ވަނަ ދުވަހު ހިންގި މި ދެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ފަލަސް، އަލީ ޔާމީން ހަސަން (23އ) އާއި ހދ. ކުޅުދުއްފުށި / މަލުތެރޭގެ، އަހްމަދު މުހައްމަދު (29އ) އެވެ.

މި ދެ މީހުންގެ ތެރެއިން އަލީ ޔާމީން ހަސަން (23އ) ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ.

ފުލުހުން ބުނީ އަހްމަދު މުހައްމަދު (29އ) ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ. އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ ހަތަރު ފުޅިއާއި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެެލެވޭ އެއްޗެއްހުރި ތިން ހަން އަދި ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ދެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލީ ޔާމީން ހަސަން ފަސްދުވަހަށް އަދި އަޙްމަދު މުޙައްމަދު ހަތްދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.