English Edition
Dhivehi Edition
ފުނަދޫ އެއާޕޯޓު
ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ އެއާޕޯޓަކަށް ވެސް މިހާރު ރޭގަނޑު ފްލައިޓު ޖެއްސޭނެ ކަމަށް ޓްރާންސް ޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވާފައެވެ.

މިނިސްޓަރު އަމީން ފާހަގަކުރެއްވި ގޮތުގައި ށ. ފުނަދޫ އެއާޕޯޓުގައި ރޭގަނޑު ދަތުރުތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް ނިމުމާ އެކު، ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ދަތުރުކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. ރޭގަނޑު ވަގުތުތަކުގައި ހުރިހާ ރަށަކަށް ދަތުރުކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ވަރަށް މުހިންމު އަމާޒެއް ހާސިލުވުންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ބަދަލާ އެކު، ރަށްރަށުން ސިއްހީ ކުއްލި ފަރުވާއަށް މީހުން އުފުލުމުގައި މީގެ ކުރިން ދިމާވަމުން އައި ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މީގެ ކުރިން ބައެއް އެއާޕޯޓުތަކުގައި ރޭގަނޑު ފްލައިޓު ނުޖެއްސޭތީ، ބަލި މީހުން އުފުލުމަށް ގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިހާރު އެ ކަންކަމަށް ހައްލު ލިބި، ރައްޔިތުންނަށް ލުއިފަސޭހަ ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.