English Edition
Dhivehi Edition
ކޯޕަރޭޓް މޯލްޑިވްސްގެ 'ގޯލްޑް 100' ގާލާގައި އަލީ އިހުސާން - ފޮޓޯ: ފޭސްބުކް (އަލީ އިހުސާން)
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަފޫއާންމުގެ ދަށުން ދެން މައާފު ނުލިބޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ޑްރަގުގެ ވަބާއިން ގައުމު ސަލާމަތްކުރުމަށްޓަކައި ގާނޫނީ ގޮތުން ގެނެވުނު އިސްލާހުތަކާއެކު، އެފަދަ ކުށްވެރިންނަށް މައާފު ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގާނޫނީ ގޮތުން ދޫކޮށްލައްވާފައިވާ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ރާއްޖޭގައި ކަން ހިނގަމުން އައި ގޮތަށް ބަލާއިރު، ސިޔާސީ ބޭނުންތަކަށް ނުވަތަ އިންތިހާބުތަކާ ދިމާކޮށް ބޮޑެތި ކުށްވެރިން ދޫކޮށްލުމުގެ ސަގާފަތެއް އޮތެވެ. އެގޮތުން 25 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުންދާ ޑްރަގު ވިޔަފާރިވެރިން ވެސް މީގެ ކުރިން އެކި ނަންނަމުގައި މިނިވަންކޮށްފައި އެބަހުއްޓެވެ. ނަމަވެސް މި ސަރުކާރުން މިކަމަށް ނިމުމެއް ގެނެސް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އަދަބު ލިބިދިނުމުގައި ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

މައާފު ނުދިނުމުގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ “ބޮޑުން” މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެމީހުން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިފަދަ ވިޔަފާރިތަކުން ހޯދާ މުދަލާއި ފައިސާ، އެއީ ހަލާލު ގޮތުގައި ހޯދި އެއްޗެއްކަން ސާބިތުކޮށްނުދެވޭ ހާލަތްތަކުގައި ދައުލަތަށް ނެގުމުގެ ބާރު ވެސް މިހާރު ގާނޫނީ ގޮތުން ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.