English Edition
Dhivehi Edition
ކުރީގެ ރައީސް ނަޝީދު --ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ސަބަބުން މޫދަށް ފެތުރޭ ހިލަވެލީގެ އަސަރު ފަރުތަކަށް ކޮށް، ފަރުތައް ހަލާކުވަމުންދާތީ މާފުށީ ރައްޔިތުން އެކަމުގެ ޝަކުވާކޮށްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިކަން ހާމަކުރެއްވީ ދާދި ފަހުން އެމަނިކުފާނު މާފުއްޓަށް ކުރެއްވި ޒިޔާރަތެއްގައި އެ ރަށު މީހުންނާ ބައްދަލުކުރައްވައި ލިބިވަޑައިގެންނެވި މައުލޫމާތާ ގުޅިގެންނެވެ. މާލޭގެ ދެކުނުން އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ މި މަޝްރޫއަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިކަމާ ގުޅިގެން ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ބިން ހިއްކާއިރު ކޮންޓްރޯލެއް ނެތި ފެތުރޭ ވެލީގެ ސަބަބުން އެ ސަރަހައްދުގެ މުރަކަތަކަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. ރާއްޖޭގެ ތަރައްގީއަށް ބިން ހިއްކުމާއި ފަޅުފަޅުން ވެލި ނެގުމަކީ ބޭނުންތެރި ކަމެއް ކަމަށް ގަބޫލުފުޅުކުރެއްވިޔަސް، އެކަން ކުރަންވާނީ ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ތިމާވެށި ހިމާޔަތްކުރެވޭނެ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި އުސޫލުތައް ދަމަހައްޓައި ތަންފީޒު ކުރުމަކީ ދައުލަތާއި ސަރުކާރުގެ ޒިންމާއެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ފަށާފައިވާ ރަސްމާލެ މަޝްރޫއުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި މަޝްރޫއުގެ ފުރަތަމަ ބައިގެ ގޮތުގައި ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރު ބިން މިހާރު ވަނީ ހިއްކާ ނިންމާފައެވެ.