English Edition
Dhivehi Edition
މުޙައްމަދު ޝައްމާން ވަޙީދު
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ. ކޯޓުން އޭނާ ދޫކޮށްލަން އަމުރުކުރީ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓުމަށް ޝަރުތުކުރުމަށް ފަހުގަ އެވެ. ޝަމްއާން ދޫކޮށްލާފައި މިވަނީ ފުލުހުންގެ ބަންދުގައި ހުންނަތާ ނުވަ މަހާއި ތިން ދުވަސް ފަހުންނެވެ.

ޝަމްއާން މަގާމުން ވަކިކޮށް ހައްޔަރުކޮށްފައިވަނީ ނިމިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހު އެވެ. މި މައްސަލައިގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރަކު ވެސް ހައްޔަރުކުރިއިރު، އޭގެ ތެރެއިން ގިނަ މީހުން މީގެ ކުރިން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. ދައުލަތުން ޝަމްއާންގެ މައްޗަށް ވަނީ ފޭރުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން އަދި މަނީ ލޯންޑަރިންގެ ދައުވާ އުފުލައިފަ އެވެ.

ކްރިމިނަލް ކޯޓުގައި މިހާރު މި މައްސަލައިގެ ޝަރީއަތް ކުރިއަށްދާއިރު، އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން ނުވަ އަހަރުގެ ޖަލު ހުކުމެއް ޝަމްއާންގެ މައްޗަށް އަންނާނެ އެވެ. އަދި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ބޮޑު އަދަބެއް ކަނޑައަޅައިފިނަމަ، 19 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވެ އެވެ.