ސަލާހުއްދީން ސްކޫލުގައި ކުރިއަށް ދިޔަ މި ބައްދަލުވުން ފައްޓަވައިދެއްވަމުން ރައީސް ވިދާޅުވީ މާލެ ސަރަހައްދުގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަނީ އެމީހުންގެ ހުރި ޝަކުވާތަކާއި ދަތިތައް ސީދާ ރައްޔިތުންގެ ފަރާތުން އޮޅުންފިލުއްވުމަށް ކަމަށެވެ. ރައްޔިތުން ހުށަހަޅާ ކޮންމެ ހިޔާލަކީ ވެސް ވަރަށް މުހިންމު އެއްޗެއްކަމަށާއި، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އެންމެ ފަސޭހަވާނެހެން އެކަންކަމަށް އެދެވޭ ހައްލެއް ގެނެސްދިނުން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ގެންދަވަނީ މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހާއްސަ ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަވަމުންނެވެ. މިގޮތުން އެންމެ ފުރަތަމަ ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، މާފަންނު، މައްޗަންގޮޅި، ހެންވޭރު އަދި ގަލޮޅުގެ ރައްޔިތުންނާ ވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރާ ފަރާތްތަކާ ވެސް ރައީސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި އާންމުންގެ ވާހަކަތައް އަޑުއެއްސެވުމަށް އެމަނިކުފާނު ގިނަ ވަގުތު ހޭދަކުރައްވައެވެ.