English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ސިނަމާލެ ފްލެޓުގެ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ސަރުކާރުން ސީދާ ވަދެގެންވެސް ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ، މިފްލެޓްތަކުގެ މައްސަލަތައް ހައްލުކުރުމަކީ ސިޓީ ކައުންސިލުގެ ޒިންމާއެއް ނަމަވެސް، އެކަން ކައުންސިލަށް ނުކުރެވޭތީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.

ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު މޭޔަރަކަށް ހުންނެވި ދުވަސްވަރު، މި ފްލެޓުތަކުގެ ހުރިހާ ޖޫރިމަނާތަކެއް ކެންސަލްކުރެއްވި ކަމަށް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސިޓީ ކައުންސިލުގެ ޒިންމާއަކީ ފްލެޓުތަކުގެ މެއިންޓެއިނަސްގެ މަސައްކަތްތައް ކުރުމާއި، އެތަންތަނާ ގުޅޭ އެހެނިހެން ކަންކަން ބެލެހެއްޓުން ކަމަށެވެ. އެހެންނަމަވެސް، އެކަންކަން ނުކުރެވުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އެމަނިކުފާނު މަސައްކަތްކުރައްވާނެ ކަމަށާއި، ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކައުންސިލަށް ނުކުރެވޭ ހާލަތެއްގައި ސަރުކާރުން މިކަމުގެ ތެރެއަށް ވަދެގެން މި ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށެވެ.

“މިއީ ހަމަ ސީރިއަސް އިޝޫތައް. އަޅުގަނޑު ތިބޭފުޅުންގެ ތިހިރަ ކަންބޮޑުވުންތަކަށް ކިހިނެއްތޯ އެޑްރެސްކުރެވޭނީ ބަލާނަން. ސަރުކާރުން ސީދާ. މިހާރު ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކައުންސިލަކަށް ނުކުރެވުނު. ސަރުކާރުން މިކަމުގެ ތެރެއަށް ވަދެގެން ސްޓެޕިން ވެގެން ކުރެވޭނެ ކަމެއް، ކޮންމެ ގޮތަކަށްނަމަވެސް މިތަނަކީ ރައްޔިތުންނަށް ލިބިފައިވާ ރައްޔިތުންގެ ބޯހިޔާވަހިކަމެއް. ރައްޔިތުން އުޅެމުންދާ ތަންތަން. އެތަނުގެ ރައްޔިތުން އެތާ އުޅުމަށް ވަރަށް ގިނަ ތަހައްމަލުތަކެއް އުފުލަމުންދާ ތަނެއް.” ރައީސް ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަންވެސް ހޯދައި، ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރުމަށްފަހު، މި 6 ފްލެޓުގައި އުޅޭ ރައްޔިތުންނަށް ރަނގަޅު ޖަވާބެއް ދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މި މައްސަލަތަކަަށް ހައްލު ގެނެސްދެއްވާނީ އެކަމަށް އޮންނަ އުސޫލެއްގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.