English Edition
Dhivehi Edition
ނަފާ ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އިގްތިސާދީ ކަންކަމާ ގުޅޭގޮތުން ފާޅުކަން ބޮޑު ގޮތެއްގައި ހިޔާލުފާޅުކުރައްވާ މުހައްމަދު ނަސީމް (ނަފާ ނަސީމް) ރާއްޖޭގެ ހާލަތަށް އިޝާރާތް ކުރައްވައި ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަސީމް ވިދާޅުވީ ޑްރެކިއުލާ ކައިރީގައި ލޭބޯމީހުންގެ ޝަކުވާ ކުރާނީ މޮޔައިން ކަމަށެވެ. މި މެސެޖަކީ މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން ނުސީދާ ގޮތެއްގައި ފޮނުއްވި މެސެޖެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ނަސީމް މިހެން ވިދާޅުވެފައި މިވަނީ ގައުމުގެ އިގްތިސާދީ ހާލަތާއި ތަފާތު އެކި މައްސަލަތަކުގައި ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.އޭނާ ބޭނުންކުރެއްވި މިސާލުގައި “ޑްރެކިއުލާ” ރަމްޒުކޮށްދެނީ ބާރުގެ ވެރިފަރާތް ނުވަތަ ނިޒާމުގެ އެންމެ މަތީ ފަޑީގައި ތިބި ފަރާތްތައް ކަމަށް ބެލެވެއެވެ. އަދި “ލޭބޯމީހުން” ނިސްބަތްވަނީ ރައްޔިތުންގެ އަތުން ނަހަމަ ގޮތުގައި ފައިސާ ހޯދައި ނުވަތަ ރައްޔިތުންނަށް ދަތިކުރަމުންދާ ފަރާތްތަކަށް ކަމަށް މާނަކުރެވެއެވެ. ނަސީމްގެ ވާހަކަފުޅުން ދޭހަވަނީ މައްސަލަ އުފައްދާ މައިގަނޑު ފަރާތް ކައިރިއަށް ގޮސް، އޭގެ ދަށުން ހިންގާ ކަންކަމުގެ ޝަކުވާ ކުރުމަކީ ނަތީޖާއެއް ނުނުކުންނާނެ ކަމެއް ކަމެވެ.

މީގެ ކުރިންވެސް ނަސީމް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި އިގްތިސާދީ ނިންމުންތަކަށް ފާޑުވިދާޅުވެފައެވެ. ހާއްސަކޮށް ޓެކްސްގެ ނިޒާމާއި، ދައުލަތުގެ ހަރަދުތައް ހަމަޖައްސާ ގޮތާއި މެދު އޭނާ އަބަދުވެސް ގެންދަވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. މިފަހަރުގެ މި މެސެޖަކީ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން ޖަވާބުދާރީ ކުރުވުމުގައި ހުރި ގޮންޖެހުންތައް ސިފަކޮށްދިނުމަށް ބޭނުންކުރެއްވި ބަަހުގެ ހަމަލާއެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ޕޯސްޓާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ނަސީމްގެ ވާހަކަފުޅަށް ތާއީދުކޮށް ހިޔާލު ފާޅުކޮށްފައެވެ. ގިނަ އާންމުން ގަބޫލުކުރާ ގޮތުގައި މައްސަލަތަކަށް ހައްލު ނުލިބެނީ ނިޒާމީ ގޮތުން ހުރި މައްސަލަތަކެއްގެ ސަބަބުންނެވެ. ނަސީމް ފަދަ ތަޖުރިބާކާރު ބޭފުޅުން މިފަދަ ގޮތަކަށް ވާހަކަ ދެއްކެވުމުން، ގައުމުގެ ހާލަތު އޮތް ގޮތާމެދު ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ހާމަވެގެންދެއެވެ. ޑްރެކިއުލާގެ މިސާލަކީ ވަރަށް ފުން މާނައެއް އެކުލެވޭ އަދި މިހާރުގެ ހާލަތާ ގުޅޭ މިސާލެއް ކަމަށް ކޮމެންޓު ކުރި ބައެއް މީހުން ބުނެފައިވެއެވެ.