English Edition
Dhivehi Edition
ފޮޓޯ: ޓްރާންސްޕޯޓު މިނިސްޓްރީ

ހުޅުމާލޭގެ މަގުތަތަކާއި ހުސްބިންތަކުގަ ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގައި، މަގު ތަރުތީބުކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގައި، ހުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގައި އެފަދަ އުޅަނދުތައް ޓޯވކުރުމުގެ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދެއްކެވި ވާހަކަފުޅުގައި މަގުމައްޗަށް އުޅަނދުތައް ދޫކޮށްލުމުން ގިނަ ދަތިތަކެއް ކުރިމަތިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޕާކުކުރުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާކަމަށެވެ. އަދި ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ އުޅަނދުތައްވެސް މިގޮތަށް މަގުމައްޗަށް ދޫކޮށްލާފައި ހުންނަކަން ފާހަގަކޮށް އެގޮތަށް ގެނެސްފައިވާ ދޫކޮށްލާފައިހުރުމުން ގިނަ ދަތިތަކާ ކުރިމަތިވަމުންދާ ކަމަށާއި އެފަދަ އުޅަނދުތައް ނެގުމަށް އިލްތިމާސްކުރެވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ދެމެހެއްޓެނެވި ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ މުހިންމުކަމެއްކަން ފާހަގަކޮށް، މިކަމުގައި އެއްބާރުލުން ދެއްވާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ފުލުހުންނާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި އެޗްޑީސީ، ޕަބްލިކް ވޯކްސް، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، ވެމްކޯ، އެމްޕީއެލް، ސްޓެލްކޯ، އާރުޑީސީ، އެމްޓީސީސީ އަދި އެމްއޭސީއެލް ބައިވެރިވެއެވެ.

މި މަހުގެ 6-9އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 އަދި 2ގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯވކުރުމަށް ވަނީ ހަމަޖެހިފައެވެ.