English Edition
Dhivehi Edition
ބ. އޭދަފުށީގެ އެންމެ ރީތި މިސްކިތް ބިނާކުރި އެ ރަށުގެ އިސް ޝަހުސިއްޔަތެއް ކަމަށްވާ މުހައްމަދު އަލީ ނިޔާވިތާ 24 ގަޑިއިރު ވެސް ނުވަނީސް، އޭނާގެ ކޮއްކޮ އާމިނަތު އަލީ ވެސް ނިޔާވެއްޖެއެވެ.
މުހައްމަދު އަލީ ސިއްހީ ފަރުވާއަށް އިންޑިއާގައި ހުއްޓައި ރޭގެ ވަގުތެއްގައި ނިޔާވުމާ ގުޅިގެން، އާއިލާގެ ގިނަ މެންބަރުން ތިބީ އޭނާގެ ޖަނާޒާގެ ކަންކަމުގައި ބައިވެރިވުމަށް އިންޑިއާއަށް ގޮހެވެ.

އުމުރުން 91 އަހަރުގެ މުހައްމަދު އަލީ ނިޔާވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވުމަށް ފަހުއެވެ. އާއިލާގެ މީހުން އޭނާގެ ކަންކަމުގައި އިންޑިއާގައި ހަރަކާތްތެރިވަމުން ދަނިކޮށް، އޭދަފުށީގައި ހުރި އޭނާގެ ކޮއްކޮ، އުމުރުން 85 އަހަރުގެ އާމިނަތު އަލީ ނިޔާވީ މުސްކުޅި ބަލީގައެވެ. އާމިނަތު ނިޔާވިއިރު އޭނާގެ ހަތަރު ކުދިން ދުނިޔޭގައި އެބަތިއްބެވެ. އެއް އާއިލާއެއްގެ ދެ ބޭފުޅުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަކިވެދިއުމަކީ މުޅި ރަށަށް ވެސް ލިބުނު ފުން ހިތާމައެކެވެ.

މުހައްމަދު އަލީއަކީ އޭދަފުއްޓަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައި، ރަށުގެ ތަރައްގީއަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަމިއްލަ ދޯނިފަހަރު ގެންގުޅުއްވައި، ވިޔަފާރީގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް އޭނާ ވަނީ ކުރައްވާފައެވެ. މީގެ އިތުރުން، އޭނާގެ އަމިއްލަ ހަރަދުގައި ބިނާކޮށް މިދިޔަ މާޗު މަހު ހުޅުވި “މަސްޖިދުލް މުހައްމަދު އަލީ” އަކީ ތަފާތު ފުރިހަމަ ޑިޒައިނަކަށް ހަދާފައިވާ ރީތި މިސްކިތެއްކަން ފާހަގަކޮށްލެވެއެވެ.